ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފާއިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ މައްސަލައިގެ އަޑުއެހުމެއް މާދާމާ ހެނދުނު 9:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެ ފަހުން ތާވަލުކުރީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަސްވަރު ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެމަނިކުފާނުގެ ސިއްހަތު ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބުނެ އެމަނިކުފާނުގެ ޝަރީއަތް ކެންސަލް ކޮށްދިނުމަށް ގާނޫނީ ޓީމުން އެދުމުން އެ ޝަރީއަތް އެ ދުވަހު ކެންސަލްކުރި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ސަންގެ ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދައުވާ ލިބޭ ތިން ފަރާތުން ވެސް މީގެ ކުރިން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ބުނާ މައްސަލަ އެއްވެސް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވެސްވެ އެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ މި ދައުވާއަަށް އިންކާރު ކުރައްވާފަ އެވެ.

މިދިޔަ ރޯދަ މަހުގެ ގެއަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ވެސް ގޭ ބަންދުގަ އެވެ.