މި މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވެފައިވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވެފައި ނުވާނެ ކަަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގެ މާނަ އޮޅޭ ގޮތަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އާންމުން ގެންދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. ގިނަ ގޭގެއިން 2،000 ރުފިޔާގެ އިތުރުވުމެއް ކަރަންޓް ބިލްގައި ވެއެވެ. ރައްޔިތުންގެ ރުޅިވެރިކަމާއި ޝަކުވާތަކަށް ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ފެންނަނީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. ނަމަވެސް ކުންފުނިން އެ ބުނާ ސަބްސިޑީ ދިނުމުގެ ކުރީން ލިބެމުން އައި ކަރަންޓް ބިލްތަކަށް ވުރެ މި ފަހަރު ލިބުނު ބިލް މާ ބޮޑުވުމުން ސްޓެލްކޯގެ އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ސަރުކާރާއި އެ ކުންފުންޏަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ބަހުސްގެ ތެރެއަށް އާޒިމް ވަދެވަޑައިގެންނެވީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ. އެ ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ ތަކުލީފަކީ އިއްޔެ ކަންކުރި ގޮތުން ވާ ގޮތެއް ކަމަށެވެ.
"އެކަން އެގޮތައް ދިމާ މިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން.
އިރާދަފުޅުން މާދަމައަކީ މާރަނގަޅު ދުވަހަކަށް ހަދާނަން،" ކަރަންޓްގެ މައްސަލައާ ގުޅުވައި އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކަރަންޓް ބިލް ބޮޑުވެފައިވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އާޒިމް ސީދާ ވިދާޅުވެފައިނުވި ނަމަވެސް އެކަން ކުރީ ސަރުކާރުގެ ނިންމުންތަކާއި ގުޅުވުމުން ބައެއް ނޫސްތަކުން ވަނީ އެގޮތަށް ރިޕޯޓްކޮށްފައެވެ. އެކަމާއި ގުޅިގެން އާޒިމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ދާއިރާގެ ބައެއް ރައްޔިތުންވެސް ވަނީ ކުރީ ސަރުކާރާ ކަންކަން މަތިކުރުމުގެ ބަދަލުގައި އެއްވެސް ކަމެއް ރަނގަޅު ކުރެވޭތޯ މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.
ނޫސްވެރިންގެ ރިޕޯޓްކުރުން ގޯސް ކަމަށް ވިދާޅުވެ އާޒިމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނިމިދިޔަ މަހުގެ ކަރަންޓްބިލް ބޮޑުވީ ވަކި ސަރުކާރަކާ ހެދިއެކޭ އެންމެ ފަހަރަކުވެސް ވިދާޅުވެފައިނުވާނެ ކަމަށެވެ. އެއަށް ފަހު ދެން ފާޑުވިދާޅުވީ ނޫސްވެރިންނަށެވެ.
މި ފަހުން އޭނާ ވިދާޅުވާ ވަރަށް ގިނަ ވާހަކަތަކަށް އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެއެވެ. ހާއްސަކޮށް އަދީބު އަތުން އޭނާ ގެންދެވި ކަމަށް ބުނާ އެއްޗަކާއި ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް ދައްކަވާ ވާހަކަތަކާއި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ދެމެދުގައި އޮތް ވާދަވެރިކަމުގައި އާޒިމް އަމަލު ކުރައްވާ ގޮތް ތަފާތުވުންވެސް ފާޑުކިޔުން އޮވެއެވެ.