މޯލްޑިވްސް ޕޮލިސް ސާވިސް

ނައުފަލް ފެނިއްޖެ، އަނިޔާއެއްގެ ނިޝާނެއް ނެތް

އދ. ކުނބުރުދޫ އަށް ނިސްބަތްވާ އަހުމަދު ނައުފަލް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 4:45 ހާއިރު ނައުފަލް ފެނުނީ އޭނާ ހޯދުމުގައި އުޅުނު އާއިލާގެ ބަޔަކަށެވެ.

ނައުފަލް ފެނުނީ ޗާންދަނީ މަގުގައި ހުންނަ ރޮމްބަސް ފިހާރަ ކުރިމަތިންނެވެ. އޭނާ ފެނުނު މީހަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ ނައުފަލް ފެނުނުއިރު ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

"ނަމަވެސް އޭނާއާ ވާހަކަދައްކާލީމާ އެނބަ އެނގޭ އޭނާގެ ބައެއް ހަނދާންތައް މިވަގުތު ސިކުނޑީގައި ނެތް ކަން. މިސާލަކަށް އާއިލާ މީހުންގެ ފޯނަށް ނުގުޅީ ކީއްވެތޯ އެހުމުން އެއްވެސް މީހެއްގެ ނަންބަރު ވެސް ނޭނގޭ ކަމަށް ބުނޭ،" އާއިލީ މީހަކު ބުނެފައިވެ އެވެ.

އާންމުކޮށް ވެސް ބަސް މަދު މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ނައުފަލް މިވަގުތު އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކަން ފުލުހުން ޔަގީންކޮށްދެ އެވެ.

ނައުފަލް ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އުމުރުން 26 އަހަރުގެ ނައުފަލްގެ ހަބަރެއް ނުވީ ކަންނެލި މަސްވެރިކަމުގައި އުޅުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު މާލެ އަށް ފޭބިފަހުންނެވެ.

ނައުފަލް ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ ހަބަރެއް ނުވެ ތިން ދުވަސް ވުމުން ކަމަށެވެ.