ހަބަރު

އެސްއީޒެޑް އޮފީހުގެ މުހިންމު ދެމަގާމަކަށް މުވައްޒިފުން ހޯދަނީ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އޮފީހުގެ މުހިންމު ދެމަގާމަކަށް މުވައްޒިފުން ހޯދަން އިކޮނޮމިކް މިނިސްޓްރީ އިން އިއުލާން ކޮށްފި އެވެ.

އިކޮނޮމިކް މިނސިްޓްރީ އިން އިއުލާންކޮށްފައި ވަނީ އެސްއީޒެޑް އޮފީހުގެ އިންވެސްޓަ ރިލޭޝަންސް އެންޑް ބިޒްނަސް ފެސިލިޓޭޝަން ސެކްޝަން ގެ ޑިރެކްޓަރަކާއި ލީގަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާނެ ފަރާތެއް ހޯދުމަށެވެ. އަދި އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފާ ވަނީ އަންނަ ބުދަ ދުވަހުގެ 1:00 ކުރިންނެވެ.

އެމިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެސްއީޒެޑް ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ ސެކްރެޓޭރިއަޓް ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީ ކަމުގައިވުމުން ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ހިންގުމަށް މުވައްޒިފުން މިނިސްޓްރީގެ ދަށުން ޤާއިމު ކުރުމަށް ނިންމާފައިވާ އެސްއީޒެޑް މޯލްޑިވްސްގެ އޮފީހަށް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މީގެ ކުރިން އެ މަސައްކަތްތައް ހިންގީ ޓޫރިޒަމް މިނިސްޓްރީގެ ދަށުންނެވެ. އޭރު އެސްއީޒެޑްގެ އޮފީސް ހުރީ އެމްއެމްޕީއާރުސީގެ ތެރޭގަ އެވެ. އަދި އެ އޮފީހުގެ މަސައްކަތް ކުރީ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން އޭރު މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ކަނޑައެޅުއްވި ބައެކެވެ.

ރައީސް އަބްދުﷲ ޔާމިން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެސްއީޒެޑް "ބޯޑް އޮފް އިންވެސްޓްމަންޓް" ގެ ޗެއާއަކަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އައްޔަން ކުރައްވާފަ އެވެ. އަދި އެ ބޯޑްގެ މެންބަރަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ރައީސް ހަމަޖައްސަވާފައިވެ އެވެ.