ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަށަވަރުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށްލުމާއެކު ރައީސް ޔާމީނަށް އިތުރު އަނިޔާދޭން ފަށާ ކަމަށެވެ. އެ ގޮތުން ދެ ރެއަކު އެ ޕާޓީން ޖަލްސާ ބޭއްވުމުން އިދިކޮޅު ލީޑަރަށް ކުރާ އަނިޔާ އިތުރުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމުން ރޭ ވަނީ ކެންޕެއިނެއް އިފްތިތާހު ކުުރުމަށް ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ފެށި ކެންޕެއިން ޖަލްސާގައި އިދިކޮޅުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ. އަދި އޭގެ ކުރީ ރޭ ވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ބައެއް ބޭފުޅުން ސޮއިކުރުމަށް ޖަލްސާއެއް ބާއްވާފައެވެ. އޭގެތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި އެމްޑީޕީގައި ކުރީން މަަސައްކަތް ކުރި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
"ޕާޓީ އިން ދެ ޖަލްސާއެއް ބާއްވާލީ ރައީސް ޔާމީނަށް އިތުރު އަނިޔާތައް ދޭންފެށީ. މިކަމުން ކަށަވަރު ވަނީ ކުރި ހުކުމަކީ ސިޔާސީ ނުފޫޒުން ކުރި ހުކުމެއްކަން،" ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ މި ދައުވާއަަށް އިންކާރު ކުރައްވާފަ އެވެ.
މާދަމާއަށް ތާވަލުކޮށްފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.