ގަތަރުގެ މަޝްހޫރު ޓީވީ ޗެނަލް، އަލްޖަޒީރާ މިސްރުން ލައިވްކުރަން ފަށައިފި އެވެ.
މިއީ އަށް އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު އަލްޖަޒީރާ ޓީވީ މިސްރުގައި މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
މިސްރުގައި ހުންނަ އަލްޖަޒީރާ އޮފީސް ހުޅުވުމާ ބެހޭ ގޮތުން ރަސްމީ ބުނުމެއް ނެތް ނަމަވެސް އޮގަސްޓް މަސް ފެށުމާއެކު ޓީވީ ބްރޯޑްކާސްކުރަން ފެށުމަކީ އަލްޖަޒީރާއަށް ތަނަވަސް މާހައުލެއް މިސްރު ސަރުކާރުން ގާއިމުކޮށްދިން ކަމުގެ ނިޝާނެކެވެ.
އަލްޖަޒީރާ ޓީވީ މިސްރުގައި ހުއްޓާލާފައި ވަނީ 2013 ވަނަ އަހަރު މިސްރުގެ ރާބިއަތުލްއަދުވިޔާ އާއި އައްނަހުޟާ މައިދާނުގައި އާންމުންނާ ކުރިމަތިލައި އަސްކަރިއްޔާއިން ހިންގި ހަމަނުޖެހުންތަކާ ބެހޭ ގޮތުން އަލްޖަޒީރާ ޓީވީން އެއްކޮޅަށް ބުރަވެ ދެއްކި ވާހަކަތަކާއި މަންޒަރުތަކުގެ ސަބަބުންނެވެ.
ގަތަރަކީ މުސްމިމް ބްރަދަހޫޑަށް ވަރަށް ސަޕޯޓްކުރާ ގައުމެކެވެ. އަލްޖަޒީރާ ޓީވީން ފަތުރަނީ ގަތަރުގެ ސިޔާސަތެވެ.
މިސްރުގައި އެއިރު ވެރިކަމުން ދުރުކޮށްފައި ހުރި މުހައްމަދު މުރުސީ ވެރިކަމަށް އަލުން ގެނައުމަށް ގޮވާލައި އާންމުން މަގުތަކަށް ނިކުމެ، ރާބިއަތުލްއަދުވިޔާ އާއި އައްނަހުޟާ މައިދާނަށް އެއްވެ، ޓެންޓް ޖަހައި، ކައިބޮއެ ހަދައި އެތައް ދުވަހެއް ވަންދެން މައިދާންތަކުގައި ތިއްބެވެ. އެމީހުން ދުރުކޮށް ފައްސާލަން ޖެހުނީ އަސްކަރީއްޔާއިން ނިކުމެ ޓޭންކަރާއި ބަރުއުޅަނދުތަކުގެ އެހީގަ އެވެ.
މިސްރުގައި އަލްޖަޒީރާއަށް ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ގަތަރާ އެކު އޮތް ގުޅުން ވެސް ބަލިކަށިވި އެވެ. މިގުޅުން ރަނގަޅުކުރަން ދެގައުން މަޝްވަރާކުރި ނަމަވެސް ހިތްވަރު އާވެފައި ވަނީ ޖެނުއަރީ ފަހެއްގައި ސައޫދީގައި އޮތް 41 ވަނަ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) – ގަލްފު ސަމިޓަށް ފަހު އެވެ.
މިސްރުގެ ޖަލުތަކުގައި ތިބި ބައެއް ކުށްވެރިން، ނޫސްވެރިން ވެސް ހިމެނޭ ގޮތުން – ގަލްފު ސަމިޓަށް ފަހު ވަނީ ދޫކޮށްލާފަ އެވެ. ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާ ނޫސްވެރިން ވެސް ހިމެނެ އެވެ.
އަލްޖަޒީރާ ޓީވީ ލައިވްކުރަން ފެށި ނަމަވެސް ޕްރޮގްރާމްތައް ކަނޑައަޅައި، އޮފީސް މަސައްކަތްތައް އަދި އިއުލާނެއް ނުކުރެ އެވެ.