ދުނިޔޭގެ އެންމެ އަނގަ ބޮޑު އަންހެން މީހާގެ ރެކޯޑް އެމެރިކާގެ އަންހެނަކު ގާއިމްކޮށްފި އެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ގާއިމް ކުރި މި މީހާގެ އަނގައިގެ އެތެރޭގެ ބޮޑުމިނުގައި 6.52 ސެންޓި މީޓަރު (2.56 އިންޗި) ހުރެ އެވެ.
ސަމަންތާ ރަމްސްޑެލް ނަމަކަށް ކިޔާ 31 އަހަރުގެ މި އަންހެން މީހާގެ އަނގަ ބޮޑުކަމުން ޓިކްޓޮކްގައި ވަރަށް ބޮޑަށް މަޝްހޫރުވެ މިހާރު އޭނާ ފޮލޯ ކުރާ މީހުންގެ އަދަދުވެސް ވަނީ މިލިއަނަކަށް ވުރެ ގިނަ ވެފަ އެވެ.
ސަމަންތާ ބުނާ ގޮތުގައި ދުނިޔޭގެ ރެކޯޑް މިހާރު އޮތް އޭނާގެ އަނގަޔަށް ބޮޑު އާފަލެއް އޮތްގޮތަށް އޮއްވާ ލައިގެން ހަފާލައިގެން ކާލުމަކީ އެއްވެސް ކަމެއް ނޫނެވެ. ޓިކްޓޮކްގައި ސަމަންތާ ވަރަށް ގިނައިން އޭނާގެ ބޮޑު އަނގައިގެ ވީޑިއޯތައް ޝެއާ ކުރެ އެވެ. އަދި އެ ވީޑިއޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުންދެ އެވެ.
އެންމެ ބޮޑު އަނގައިގެ ރެކޯޑް ގާއިމްކުރުމަށް ސަމަންތާ އަށް ޖެހުނީ ގިނިސް ވޯލްޑް ރެކޯޑްސް އޮފިޝަލުންނާ އެކު ޑެންޓިސްޓެއްގެ ކްލިނިކަކަށް ދާށެވެ. އޭނާގެ އަނގައިގެ އެތެރޭގެ މިންތައް އަޅާދިނީ އޭނާ ދިޔަ ކްލިނިކްގެ ޑެންޓިސްޓެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އަށް ސަމަންތާ ބުނެފައިވާ ގޮތުގައި އުމުރުން 31 އަހަރުގައި އަނގަ މިހާ ބޮޑުވުން އެއީ ހަގީގަތުގައި އޭނާއަށް ވަރަށް ހިތްހަމަނުޖެހުން ލިބެމުންދިޔަ ކަމެކެވެ. ސަބަބަކީ އޭނާއަކީ އަބަދުވެސް ކުޑަ ކުޑަ އަނގައެއް އިންނަން ބޭނުންވާ މީހަކަށް ވީމަ އެވެ. ނަމަވެސް ރެކޯޑް ގާއިމް ކުރެވުމުން ހިތްހަމަޖެހިއްޖެ ކަމަށާއި މިއީ ހަޔާތުގައި ވެސް އޭނާއަށް ކުރިމަތިވި އެންމެ އުފާވެރި ކަންތައް ކަމުގައިވެސް ބުންޏެވެ.
އެންމެ ބޮޑު އަނގަ ހުރި ފިރިހެނެއްގެ ރެކޯޑް އޮތީ އިސާކް ޖޯންސަން ކިޔާ މީހަކަށެވެ. ސަމަންތާ އާއި އިސާކް އެކުގައި ވެސް ޓިކްޓޮކް ވީޑިއޯތައް ތައްޔާރުކޮށްފައިވެ އެވެ. އިސާކްގެ އަނގައިގެ އެތެރޭގެ ބޮޑުމިނުގައި ހަތަރު އިންޗި ހުރެ އެވެ.