ރެކޯޑް ފޮތްތަކަށް އެމީހުންގެ ނަން އަރުވަން ދުނިޔޭގެ ގިނަ ބަޔަކު ވަރަށް ތަފާތު ކަންކަން ކޮށް އުޅެ އެވެ. ދާދިފަހުން އަންހެނަކު ރެކޯޑް ފޮތުން ޖާގަ ހޯދާފައި ވަނީ އޭނާގެ އަތުގެ މުލައްދަނޑީގެ ބާރު ދައްކައިގެނެވެ. މި މީހާ އަތުގެ މީދާމަސްގަނޑުން ފިއްތާލައިގެން މިނިޓެއް ތެރޭ އެންމެ ގިނަ އާފަލު ޗިސްކޮށްލި މީހާގެ ރެކޯޑް ގާއިމްކޮށްފަ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން ދާއިރު ވީޑިއޯއިން ފެންނަނީ ލިންސޭ ނަމަކަށް ކިޔާ މި އަންހެންމީހާ އޭނާގެ އަތުގެ މީދާ މަސްގަނޑުން ފިއްތާލައި ފަހަރަކު އާފަލެއް ޗިސް ކުރަމުންދާ ތަނެވެ. އަދި މި މަންޒަރު ބަލަން އެއްވެ ތިބި މީހުން އޭނާއަށް ތަރުހީބުދެމުންދާ މަންޒަރެވެ.
ހަމަ މި ވީޑީއޯގައި ލިންސޭ ވަނީ ފްރައިން ޕޭން އެއް ފައްކޮށްލަ އެވެ. އަދި ވަރަށް ބޯ ފޮތެއް ވެސް އޭނާ ޗަސް ކޮށްލާތަން މި ވީޑިއޯގައި ފެނެ އެވެ. މި ވީޑިއޯ އިންސްޓަގްރާމްގައި ޝެއާކޮށްފައި ވަނީ ގިނިސް ވޯލްޑް ރެކޯޑްސް އިންނެވެ.
"ލިންސޭ ލިންޑްބާގް ނުވަތަ މާމާ ލޫ އޭނާގެ ބައިސެޕްސް ބޭނުން ކޮށްގެން މިނިޓެއް ތެރޭ އެންމެ ގިނަ އާފަލު ޗިސްކޮށްލާފައިވޭ،" މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
މި ވީޑިއޯ އާ ގުޅޭ ގޮތުން ގިނިސް ވޯލްޑް ރެކޯޑްސް އިން އިތުރަށް ހިއްސާކުރި މައުލޫމާތު ބުނާ ގޮތުގައި އެމެރިކާގެ ކެންސަސް އަށް އުފަން ލިންސޭ އަކީ ވަރަށް ބާރުގަދަ އަންހެނެކެވެ. މާމާ ލޫ އަކީ ލިންސޭގެ ސްޓޭޖް ނަމެވެ.
މި ވިޑީއޯއަށް އެތައް ހާސް ބަޔަކު ލައިކްސް ދީފައިވެއެވެ. އަދި ލިންސޭގެ ހުނަރު ފެނިފައި އަޖައިބު އަންތަރީސް ވެފައިވާ ކަމަށް ވެސް އެއް ބަޔަކު ބުނެފައި ވެއެވެ. ނަމަވެސް އަނެއް ބަޔަކަށް މިއީ އަސްލު ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެމީހުން ބުނަނީ ވީޑީއޯގައި މިގޮތަށް ފެނުނަސް މިއީ ކޮންމެވެސް ކަހަލަ މަކަރެއް ކަމަށެވެ.
"އޭނާ އާފަލުތައް ޗިސް ކުރަނީ އެއް އަތުގެ ބާރަކުން ނޫން. އަނެއް އަތްވެސް ބޭނުން ކޮށްގެން. އެހެންވީމާ އެއީ ބައިސެޕްސްގެ ބާރުން އާފަލު ޗިސްކުރީ ކަމަކަށް ނުބެލެވޭނެ،" ކޮމެންޓުކުރި މީހަކު ލިޔެފައި ވެއެވެ. އެހެން މީހަކު ބުނީ ލިންސޭ އަކީ އަންހެން ހަލްކެއް ކަމަށެވެ.