ލައިފްސްޓައިލް

ވިހައިގެން ލިބޭ ޗުއްޓީ ހޯދަން ބަނޑުބޮޑު ކަމަށް ހެދިއްޖެ

ވިހައިގެން އުޅޭ އަންހެނުންނަށް ދޭ ދިގު ޗުއްޓީ ހޯދުމަށް އެމެރިކާ އަންހެނަކު ބަނޑުބޮޑުކަމަށް ހެދިގެން އުޅެފި އެވެ.

އެ ގައުމުގެ އުސޫލުތަް އޮންނަ ގޮތުން ވިހައިގެން އުޅޭ މީހުންނަށް މުސާރަ އާއި އެކު ދިގު ޗުއްޓީއެއް ލިބެ އެވެ. އެހެންވެ މި މީހާވެސް ދިގު ޗުއްޓީ އެއް ބޭނުންވެގެން ބަނޑުބޮޑު މީހަކަށް ހެދުނީ އެވެ. ނަމަވެސް އެމީހާ އުޅެނީ ބަނޑުބޮޑު ކަމަށް ހެދިގެން ކަމަށް އޭނާއާ އެކު އޮފީހުގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުރިން ވެސް އޮތީ ޝައްކުވެފަ އެވެ.

ޝައްކު ބޮޑުވީ އޭނާގެ ބަނޑު އެކި ފަހަރު އެކި ފަރާތަށް ޖެހިފައި ހުންނަކަން ފާހަގަ ކުރެވިގެންނެވެ. އެމީހުންގެ ޝައްކު ޔަގީނަށް ބަދަލުވީ ވިހެއުމަށްފަހު އެ މީހާ ޝެއާ ކުރަމުންދިޔަ ބޭބީ ފޮޓޯތަކުގައި ހަމުގެ ކުލަ ތަފާތު ކުދިން ތިބީމަ އެވެ.

ޖޯޖިއޯ ވޮކޭޝަނަލް ރިހިބިލިޓޭޝަން އެޖެންސީގައި އެކްސްޓާނަލް އެފެއާޒް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ރޮބިން ފޮލްސަމް ނަމަކަށް ކިޔާ މި އަންހެން މީހާ ބަނޑުބޮޑު ކަމަށާއި މެޓާނިޓީ ލީވް ބޭނުންކަމަށް ބުނީ 2020ގެ އޮކްޓޯބަރު ގައެވެ. އުމުރުން 43 އަހަރުގެ ރޮބިން އަކީ އަހަރަކު އެއް ލައްކަ ޑޮލަރުގެ މުސާރަ ލިބޭ މީހެކެވެ. އެހެންވެ އޭނާ ބޭނުންވީ މުސާރަ ލިބޭ ގޮތަށް ދިގު ޗުއްޓީއެއް ނަގައިގެން 15،000 ޑޮލަރު ކުންފުނިން ހޯދަން ކަމަށް ޖޯޖިއާ އޮފީހުގެ އިނިސްޕެކްޓާ ޖެނެރަލް ބުނެފައިވެ އެވެ.

ނަމަވެސް މާޗް 2021ގައި ރޮބިން އޮފީސް ތެރޭގައި އުޅޭއިރު އޭނާގެ ބަނޑު ބައެއް ފަހަރު ތިރިއަށް ޖެހި އަނެއްބައި ފަހަރު އެއް ފަރާތަކަށް ޖެހިފައި ހުންނަކަން އޮފީހުގެ މީހުންނަށް ފާހަގަކުރެވެން ފެށި އެވެ. އަދި އޭނާ އުޅެނީ ބަނޑުބޮޑުކަމަށް ހެދިގެން ކަމަށް އެމީހުންނަށް ޝައްކު ކުރެވެން ފެށި އެވެ.

ރޮބިން އަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ނޫން ނަމަވެސް އެ ކުއްޖާގެ ބައްޕައޭ ކިޔާފާއި ބްރޭން އޮޓްމެމްބެބްވޭ ނަމަކަށް ކިޔާ މީހެއްގެ ނަމުގައި އެ އޮފީހަށް އީމެއިލް އެއްވެސް އޭނާ ފޮނުވާފައިވެ އެވެ. އެ އީމެއިލްގައި ވިހެއުމުގެ އެތައް ހަފުތާއެއް ކުރިއްސުރެ ބެޑް ރެސްޓް ނަގަން އޭނާގެ ދަރިފުޅުގެ މަންމައަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގޮތަށް އެތައް ހަފުތާ އަކު ބެޑް ރެސްޓްގައި އޮތްކަމަށް ބުނެ ޗުއްޓީ ނެގުމަށްފަހު ރޮބިން ވިހޭ ކަމަށް އޮފީހަށް އެންގީ މޭ 2021 ގައެވެ. އޭރު އޭނާއަށް ހަތް ހަފުތާގެ ޗުއްޓީ މުސާރަ އާއެކު އޮތީ ދީފަ އެވެ.

"ވިހެއުމަށްފަހު" ރޮބިން އޭނާއާ އެކު މަސައްކަތްކުރާ ބައެއް މީހުންނަށް އޭނާ ވިހޭ ކުއްޖާގެ ފޮޓޯ ފޮނުވާފައިވެ އެވެ. ނަމަވެސް އެކި މީހުންނަށް އޭނާ ފޮނުވާފައި ހުރި ފޮޓޯތަކުގައިވާ ކުއްޖާ ތަފާތު ވުމުގެ އިތުރުން އެ ކުދިންގެ ގައިގެ ހަމުގެ ކުލަ ވެސް ތަފާތެވެ. އެހެންވެ މި ކަން ބަލަން އެ އޮފީހުން ނިންމީ އެވެ.

މައްސަލަ ތަހުގީގު ކުރުމުން އެނގުނު ގޮތުގައި ރޮބިން ވިހޭ ކަމުގެ އެއްވެސް ރެކޯޑެއް ރަސްމީ އެއްވެސް އިދާރާއެއްގައި ނެތެވެ. އަދި އޭނާގެ މެޑިކަލް އިންޝުއަރެންސްގައި ވެސް އޭނާ ބަލިވެ އިނދެގެން އަދި ވިހައިގެން ޑޮކްޓަރުންގެ ފަރުވާ ހޯދާފައިވާކަން އެނގޭކަށް ނެތެވެ. އޭނާ ހަދަނީ ދޮގުކަން ފަޅާ އެރީ އެ ހިސާބުންނެވެ.

މި މައްސަލަ ތަހުގީގުކުރަން ފެށުމުން ރޮބިން ވަނީ އޮކްޓޯބަރު 2021ގައި ވަޒީފާއިން އިސްތިއުފާ ދީފަ އެވެ. ނަމަވެސް އަދިވެސް އޭނާ ބުނަނީ އޭނާގެ ފިރިމީހާ ކަމަށް ބުނާ ބްރޭން އޮޓްމެމްބެބްވޭ އަކީ ވެސް އަސްލު މީހެއް ކަމަށެވެ. އަދި އޭނާ ވިހޭ ދަރިފުޅުގެ ބައްޕަ ކަމަށެވެ.