ދަރިއަކަށްޓަކައި މަންމައެއްގެ ހިތުގައިވާ ލޯތްބަކީ ދުނިޔޭގައި އޮތް އެންމެ ސާފު ތޯހިރު ލޯތްބެވެ. ދަރިއަކަށްޓަކައި މަންމައަކު ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ އެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ނަމަވެސް ދަރިއަކަށް ގެއްލުމެއް ނުވޭތޯ މަންމައަކު އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ އެވެ.
އެމެރިކާގެ ކެލިފޯނިއާގައ ދިރިއުޅޭ މި މަންމަވެސް ކަންތައް ކުރީ ހަމަ މިގޮތަށެވެ. އަންހެންމީހާގެ ގޭގެ ގޯތި ތެރޭގައި އޭނާގެ ފަސް އަހަރުގެ ދަރިފުޅު ކުޅެން ހުއްޓާ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ސިންގާއެއް ގޯތިތެރެއަށް ވަދެ ކުޑަ ކުއްޖާއަށް ހަމަލާ ދިނެވެ. އަދި އެ ކުއްޖާގެ ލަފުގައި ހިފައިގެން ދަމާފައި ގެންދަން ފެށި އެވެ.
ކެލިފޯނިއާގެ ދެކުނުގައި އޮންނަ ކަލަބަސާސް އޭރިއާގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ދަރިފުޅުގެ ލަފުގައި ހިފައިގެން ގެންދާތަން މަންމައަށް ފެނުމާއެކު ވަގުތުން ދުވެފައި ގޮސް ސިންގާ އާ މަންމަ ކުރިމަތިލައި އެ ސޮރުގެ ގައިގައި ގޮއްމުށުން ތަޅައި ދަރިފުޅު ސަލާމަތް ކުރި އެވެ.
ސިންގާ ވަގުތުން އަންހެންމީހާއަށް ހަމަލާ ދިނުމުން އެ ސޮރުގައިގައި ހިފައިގަނެ ތަޅާ ފޮޅާ އަންހެންމީހާ ހެދި އެވެ. އަދި އެންމެ ފަހުން އެސޮރު ވަނީ އެތަނުން ފިލާ ރައްކާވެފަ އެވެ. އެހިސާބުގެ ވައިޑްލައިފް ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި އަންހެންމީހާގެ އަވަށްޓެރިން ވަނީ މި އަންހެންމީހާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެމީހުން ބުނި ގޮތުގައި އަންހެންމީހާ އަކީ ހަގީގަތުގައި ވެސް ހީރޯ އެކެވެ. އޭނާ އެ ދެއްކި ހިތްވަރަކީ ކޮންމެ ކޮންމެ މީހަކަށް ދެއްކޭނެ ހިތްވަރެއް ނޫންކަމަށް އެންމެން ވެސް ބުނެފައި ވެއެވެ.
ސިންގާގެ ހަމަލައިގެ ސަބަބުން ކުޑަ ކުއްޖާގެ ހަށިގަނޑަށް އަނިޔާތަކެއް ލިބުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ސިންގާގެ ހަމަލައިން ކުއްޖާގެ މެޔާއި ބޮލާއި ބުރަކަށީގައި ފުން ޒަޚަމްތަކެއް ލާފައި ހުރި ކަމަށް އޭނާ ގެންދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ "ދަ ގާޑިއަން" ނޫހުން ބުނެފައި ވެއެވެ. އަދި ކުއްޖާއަށް ލޮސް އެންޖަލިސްގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
ކުއްޖާއަށް ހަމަލަ ދިނީ މައުންޓަން ލަޔަން އެކެވެ. މި ވައްތަރުގެ ސިންގާއަކީ އެސޮރަށް ފެންނަ ކޮންމެ އެއްޗެއް ފަނާކުރާ ވަރަށް އަނިޔާވެރި އަދި ބިރުކުޑަ އެއްޗެއް ކަމަށް ވެއެވެ. ގަސްތަކުގެ ތެރޭގައި ފިލާ އޮވެފައި މަޑުމަޑުން އައިސް ކުއްލިއަކަށް ހަމަލާ ދިނުމަކީ މި ބާވަތުގެ ސިންގާ އާއްމުކޮށް ކަން ކުރާ ގޮތް ކަމަށް ވެސް ވައިލްޑްލައިފް އެކްސްޕާޓުން ބުނެފައި ވެއެވެ.
ފޮރެސްޓް ޑިޕާޓްމަންޓް އޮފިޝަލުން ބުނި ގޮތުގައި ކުޑަ ފިރިހެންކުއްޖާގެ ގެ ހުރީ ވަށައިގެން ބޯ ގަސްތައް އުފެދިފައިވާ ތަނެއްގައި ކަމުން މި ހަމަލާ ދިނުމަށްފަހު ވެސް އެސޮރު އޮތީ ގަސްތަކު ތެރެއަށް ވަދެ ފިލާކަމަށެވެ. އަދި އެމީހުންނަށް އެ ސޮރު ފެނުމާއެކު ކަންފަތް ކޮޅަށް ޖަހާފައި ހަމަލަދޭން އުޅެން ފެށުމުން ބަޑިޖަހާ އެ ސޮރު މަރާލާފައިވާ ކަމަށެވެ.
މިސޮރުގެ ޑީއެންއޭ ހަދައިގެން މިއީ ކުއްޖާއަށް ހަމަލަދިން ސިންގާކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް ފޮރެސް އޮފިޝަލުން ބުނެފައި ވެއެވެ.
ކެލިފޯނިއާގެ ޖަންގަލިތަކުން ބައެއް ފަހަރަށް މިފަދަ ވަލު ޖަނަވާރުތައް ނުކުމެ އިންސާނުންނަށް ހަމަލަ ދިނުމުގެ ހާދިސާތައް ހިނގަ އެވެ.