ލައިފްސްޓައިލް

ހަ ޖެނެރޭޝަން، 230 މާމަކުދިން ތިބި މީހެއް

އެމެރިކާގެ ކެންޓަކީގައި ދިރިއުޅޭ 98 އަހަރުގެ މީހެއްގެ މާމަ، މުނިމާމަ، ހޫރުމާމަ އަދި މިއަށްވުރެ ވެސް އެއް ޖެނެރޭޝަން އިތުރަށް އެބައޮތެވެ. މާނައަކީ މި މީހާގެ ކުރިއަށް ހަ ޖެނެރޭޝަން އުފަންވީތަން ފެނުމުގެ ނަސީބު އެމީހާ އަށް ވަނީ ލިބިފަ އެވެ.

މި އަންހެންމީހާއަށް އޭނާގެ މުނި-މުނި-މުނި-މުނިމާމަ ދަރިފުޅާ ފުރަތަމަ ފަހަރަށް ބައްދަލުވުމުގެ ފުރުސަތު ދާދިފަހުން ލިބިފައި ވެއެވެ. އަދި މި ބައްދަލުވުމުގެ ފޮޓޯތައް ފޭސްބުކްގައި ވައިރަލް ވެފައި ވެއެވެ.

މީގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ކޯޑިއޭލިއާ މާއޭ ހޯކިންސް ނުވަތަ މައެޑެލް ނަމަކަށް ކިޔާ މި އަންހެންމީހާ އޭނާގެ ހަ ޖެނެރޭޝަން ފަހުން ލިބުނު ހަތް ހަފްތާގެ ކުޑަ ޒާވިއާ ވިޓަކަރ އުރާލައިގެން އިންދަ އެވެ. މިއީ މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ ނަގާފައިވަނީ ކެންޓަކީގެ ކިންގްސް މައުންޓަންގައި ހުންނަ ނާސިން ހޯމެއްގަ އެވެ. މިއީ ފާއިތުވީ އެތައް އަހަރަކުއްސުރެ މައެޑިލް ދިރިއުޅެމުން އަންނަ ތަނެވެ.

މައެޑެލް އަށް އެ ދުވަހު ޒިޔާރަތްކުރި މީހުންގެ ތެރޭގައި އޭނާ އުރައިގެން އިން ތުއްތުކުއްޖާގެ މަންމަ އާއި ބޮޑުދައިތަ، މާމަ، މުނިމާމަ އެހެން ގޮސް ހަ ޖެނެރޭޝަންގެ މީހުން ތިއްބެވެ.

މައެޑިލް އަށް އޭނާގެ ބައޮލޮޖިކަލް ހަ ވަނަ ޖެނެރޭޝަންގެ ފުރަތަމަ މާމަދަރިފުޅާ ބައްދަލުވުމުން އޭނާއަށް ވަރަށް ބޮޑު އުފަލެއް އިހްސާސްވި އެވެ. މި ބައްދަލުވުމުގައި މައެޑިލްގެ 77 އަހަރުގެ އަންހެން ދަރިފުޅު ފްރާންސެސް ސްނޯ ވެސް ބައިވެރިވި އެވެ. އަދި މުނިމާމަ ދަރިފުޅު ޖެކްލީން ލެޑްފޯޑް، 29، އާދި ހޫރުމާމަ ދަރިފުޅު ޖައިސްލިން ވިލްސަން، 19، ވެސް ބައިވެރިވި އެވެ.

މައެޑިލްގެ މާމަދަރިފުޅެއް ކަމަށްވާ ހޮވެލް، 58، ބުނި ގޮތުގައި އެއް އާއިލާއެއްގެ ހަ ޖެނެރޭޝަނެއްގެ މީހުން ދުނިޔޭގައި ތިބޭތަން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ޚާއްސަކޮށް މައެޑިލް އާ ބައްދަލުކުރަން އެ ދުވަހު ނާސިން ހޯމަށް ދިޔައީ އެ އާއިލާގެ އަންހެނުންކަން އޭނާ ފާހަގަ ކުރި އެވެ.

"އަހަރެމެން ހަ ޖެނެރޭޝަންގައި ތިބީ ހުސް އަންހެނުން އެ ދުވަހު ދިޔައީ. ގާލް ޕަވާ މީ ހަމަ،" މައެޑިލްގެ މާމަދަރި ބުންޏެވެ.

މައެޑިލް އެންމެ ފުރަތަމަ ކައިވެނި ކުރީ އޭނާގެ ޓީންއޭޖް ދުވަސްވަރު 1940 ވަނަ އަހަރު އެވެ. މުޅިއެކު އޭނާ ތިން ކައިވެންޏެއް ކުރި އެވެ.

"މާމަ އާއި ކާފަ އާ ކައިވެނިކުރިއިރު މާމައަށް 16 އަހަރު. އޭރު ކާފަ އަށް 50 އަހަރު. ކާފަ އެހެން މީހަކާ އިނދެގެން އޭރު 10 ދަރިން ލިބި އެންމެ ފަހު ފަހަރު ގުޅިފައިވާ ދެބެންނަށް ބަލިވެ އިނދެ ވިހެއުމުގެ ތެރޭގައި އެ ދެބެންނާއި އަނބިމީހާ މަރުވެ ކާފަ ހުރީ ހުވަފަތް ވެފަ. ކާފަގެ އެ ބަނޑުގެ 10 ކުދިން ބެލީ މާމަ. އަދި އެންމެ ފަހުން މާމަ އާއި ކާފައަށް ވެސް 13 ދަރިން ލިބުނު،" މައެޑިލްގެ މާމަ ދަރިއަކު ބުންޏެވެ.

މި ހުރިހާ ދަރިން ގޮވައިގެން ރަށްފުށުގެ ފަގީރު ހިސާބެއްގައި މާމަ ދިރިއުޅުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން. ހުރިހާ ކުދިންނަށް ކާންދީ ސްކޫލަށް ފޮނުވުމަކީ ވެސް ވަރަށް ބުރަ ކަމަކަށް ވާނެއެއްނު،" މައެޑިލްގެ މާމަދަރިއަކު ކިޔައިދިނެވެ.

މައެޑިލްގެ ޅީދަރިއަކު ވަރަށް ފަހުން ކުރެހި ފެމެލީ ޗާޓެއްގައިވާ ގޮތުން މައެޑިލްގެ ދަރިފަސްކޮޅުގައި މިހާރު 623 މެމްބަރުން އެބަތިއްބެވެ. އޭގެ ތެރޭގައި 106 މާމަ ދަރިންނާއި، 222 މުނިމާމަ ދަރިންނާއި، 234 ހޫރުމާމަ ދަރިންނާއި، 37 މުނިމާމަދަރިންގެ ދަރިން ހިމެނެ އެވެ.

ގިނިސް ވޯލް ރެކޯޑްސްގައިވާ ގޮތުން އެންމެ ގިނަ ޖެނެރޭޝަންތަކުގެ މީހުން ތިބި އާއިލާގެ ރެކޯޑް މިހާތަނަށް އޮތީ އެމެރިކާގެ ނިއުޔޯކްގެ އާއިލާއަކަށެވެ. މި ރެކޯޑް 1989ގައި ގާއިމްކުރެވުނުއިރު އާއިލާގައި ހަތް ދަރިކޮޅުގެ މީހުން ތިއްބެވެ.