ދަރިއެއްގެ ފުރާނައަށް ގެއްލުންވާ ފަދަ ކަމެއް ދިމާވާތަން ފެނިއްޖެނަމަ މަންމައަކު އޭނާގެ ފުރާނައަށް ވެސް ބެލުމެއްނެތި ދަރިފުޅު ސަލާމަތްކުރަން ދުއްވައިގަންނާނެ އެވެ. އެމެރިކާގައި ދާދިފަހުން ހިނގި ހާދިސާއެއްގައި ވެސް ކަންތައްވީ މިހެންނެވެ. ޖަނަވާރަކު އޭނާގެ ދަރިފުޅަށް ހަމަލާދިންތަން ފެނިފައި އެ ކުއްޖާގެ މަންމަ ވަނީ ޖަނަވާރަށް ހަމަލަދީ އެ ސޮރާ ހަނގުރާމަ ކޮށް ދަރިފުޅު ސަލާމަތްކޮށްފަ އެވެ.
އެމެރިކާގެ ކަނެކްޓިކަޓްގައި އުޅޭ މި އަންހެންމީހާގެ ފަސް އަހަރުގެ އަންހެންދަރިފުޅަށް ރެކޫން ނަމަކަށް ކިޔާ ޖަނަވާރެއް ހަމަލަދިނީ އެމީހުންގެ ގޭގެ ގޯތިތެރޭގައި ކުއްޖާ ހުއްޓަ އެވެ.
މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާ އެއް ވީޑިއޯއަކީ ރެކޫންގެ ކިބައިން ދަރިފުޅު ސަލާމަތްކުރަން އަންހެންމީހާ އެ ސޮރާ ހަނގުރާމަކުރާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. މިއީ އެހިސާބުގައި ހުރި ސީސީޓީވީ ކެމެރާއަށް އަރާފައި ހުރި މަންޒަރުތަކެކެވެ.
ވީޑީއޯ ފެށޭއިރު ފެންނަނީ ރައިލީ މެކްނަމާރާ ކިޔާ އަންހެންކުއްޖާ އޭނާގެ ގެޔަށް ވަންނަން ހުންނަ ދޮރުމަތީގައިވާ ހިޔާކޮށްފައިވާ ތަންކޮޅެއްގައި މަޑުކޮށްލައިގެން ހުއްޓަ އެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު މި ހާދިސާ ހިނގިއިރު ކުއްޖާ ހުރީ ސްކޫލަށް ދާން ތައްޔާރުވެގެން އޭނާގެ މަންމަ އާއި ބައްޕަ ނުކުންނަންދެން ބޭރުގައި މަޑުކޮށްލައިގެންނެވެ. އެހެން ހުއްޓާ ރެކޫން އައިނައިތަނެއް ނޭނގި އައިސް ކުއްޖާޔަށް ހަމަލަ ދޭތަން ވީޑީއޯގައި ފެނެ އެވެ.
ރެކޫން ކުއްޖާގެ ފައިގައި ދަތްއެޅުމުން ވީތަދުން އެ ކުއްޖާ ވަރަށް ބާރަށް ރޯން ފެށި އަޑާއި ބިންމައްޗަށް ވެއްޓި ދެ ފަރާތަށް ތެޅެމުންދިޔަ ތަން ވެސް ވީޑިއޯގައި ފެނެ އެވެ.
ދަރިފުޅު ރޯއަޑަށް ކުއްޖާގެ މަންމަ ކެލްސޭ ދުވަމުން ގޭތެރެއިން ނުކުތްއިރު ރެކޫން ވަރަށް އަނިޔާވެރިކަމާއެކު ކުއްޖާއަށް ހަމަލަ ދެމުން ގެންދެ އެވެ. އަންހެންމީހާ ދިޔަ ގޮތަށް ގޮސް ރެކޫންގެ އަނގައިން ކުއްޖާގެ ފައި ނައްޓާލަން މަސައްކަތް ކުރެ އެވެ. އަދި ރެކޫންގެ ކަރުގައި ހިފައި ދަމައިގަތްގަތީނުން ކުއްޖާ އެސޮރުގެ ކިބައިން ސަލާމަތްކޮށް ގޭތެރެއަށް ފޮނުވާލަ އެވެ.
ރެކޫންގެ ކިބައިން ދަރިފުޅު ސަލާމަތްކުރަން ކެލްސޭ މަސައްކަތްކުރިން އެސޮރު ވަނީ ކެލްސޭ އަށް ވެސް ހަމަލަދީފަ އެވެ. އެސޮރުގެ ހަމަލަ އޭނާއަށް އަމާޒުވުމުން ވީތަނުން ކެލްސޭ ހަޅޭއްލަވާތަން ވެސް ވީޑީއޯއިން ފެނެ އެވެ.
ރެކޫންގެ ކިބައިން ސަލާމަތްވާން ކެލްސޭ މަސައްކަތްކުރަމުންދަނިކޮށް އެހިސާބުގަނޑުން ކުއްތާއެއް ގޮވާ އަޑުފައްގަނޑު އިވުމުން ރެކޫން އަވަހަށް ކެލްސޭއަށް ހަމަލަދިނުން ހުއްޓާލާފައި އެގޭތެރެއިން ނުކުމެގެން ދިޔައީ އެވެ.
މި ވީޑީއޯބަލާފައި ގިނަ ބަޔަކު ބުނީ މި މަންމަ އަކީ "މަދާ އޮފް ދަ އިޔާ" (އަހަރުގެ މަންމަ) ކަމަށެވެ.
އެހެން އަންހެނެއްގެ ކޮމެންޓެއްގައި ބުނެފައިވަނީ އަންހެނުންނަކީ ބަލިކަށި ބަޔެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް ދަރިއަކަށް ނުރައްކަލެއް ކުރިމަތިވާ ތަން ފެނިއްޖެނަމަ އެ އަންހެނެއްގެ ހުރި ހިތްވަރުގަދަކަމާއި ވަރުގަދަކަން ފެންނަ ކަމަށެވެ.
މި ނޫނަސް ވަރަށް ގިނަ މީހުން އަންހެންމީހާގެ ހިތްވަރުގަދަކަމާއި ވިސްނުން ރަނގަޅުކަމަށް ތައުރީފުކޮށްފައި ވެއެވެ. ވަގުތާއި ހާލަތަށް ބަލައި އޭނާ ކަންތައް ކުރީ އެ ވަގުތު ކުރަން އޮތް އެންމެ ރަނގަޅު ގޮތަށް ކަމަށް ވެސް ގިނަ ބަޔަކު އެއްބަސްވެފައި ވެއެވެ.
ރުޅިއައިސް ރަތްވެފައި އޮތް ރެކޫން ކުއްޖާ ކުޅެން ހުއްޓާ އެގޭތެރެއަށް ވަދެ ކުއްޖާގެ ފައިގައި ހިފާ ވައްޓާލައި ގެންދަން މަސައްކަތްކުރާތަން ވީޑީއޯ އިން ފެނެ އެވެ. ހިޔަޅެއްގެ ސިފަޖަހާ ރެކޫން ކުޑަ ކުއްޖާއަށް ހަމަލަދޭ މަންޒަރާއި ކުއްޖާގެ މަންމަ ދަރިފުޅު ސަލާމަތްކުރަން ކުރާ ހިތްވަރުގަދަ މަސައްކަތް ސީސީޓީވީ ކެމެރާގެ މަންޒަރުތަކުން ފެނެއެވެ.