މޯލްޑިވްސް ޕޮލިސް ސާވިސް

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދީގެން ޖުލައި ނުވަވަނަ ދުވަހު މެންދުރުފަހު ދެ މީހަކު ހައްޔަރު ކުރި އެވެ. އެ ދެ މީހުން ވަނީ ރައީސްގެ ރިޔާސީގެކޮޅު މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި އޮތް ފޮއްޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އަޑު ގަދަ ކޮށްފަ އެވެ. ފޮށިގަނޑުގައި އޮތް އެއްޗެއް ގޮއްވާލާނެ ކަަމަށް އިންޒާރު ވެސް ދީފައިވެ އެވެ.

ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އެ ދެ މީހުން ހައްޔަރު ކޮށްފަ އެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭ ދޫކޮށްލާފަ އެވެ. އެހެންވެ މިހާރު ހައްޔަރުކޮށްފައި ހުރީ މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން މީހާ އެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ދެމީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެކެވެ. އަދި އެ ދެ މީހުން މުލިއާގެ ކައިރިން އެ ދުވަހު ދިޔައީ ރިހެބުން ގެއަށް ދިޔަ މަގުމަތީގަ އެވެ.

ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ދިނުމަށް ފަހު، ބަންދުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން މިހާރު ވަނީ 15 ދުވަަސް އިތުރު ކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

ހައްޔަރުގައިވާ މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.