ހަބަރު

ބޮން ހޯދަން ޝިޔާމް އަންގައިގެން ކިޔެވެލި ކިޔެވި: މަމްދޫހު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމަށްފަހު ގޮވާތަކެއްޗާއި ހަތިޔާރު ހޯދުމަށް ސިފައިން އަންގައިގެން ކިޔެވެލި ކިޔަވާފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ހިމަނާފައިވާ ވާހަކަތަކުންނެވެ. އެ ހުކުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލުމަށް މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި ކަމަށް ބުނާ މަައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު މީހުންގެ ތެރެއިން އެކަކު މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމެވެ.

އެ މައްސަލާގައި ކުށްވެރި ނުވާ ކަމަށް އިއްޔެ ހައިކޯޓުން ކަނޑައެޅީ ހއ.ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އެވެ. ހައިކޯޓުން ބާތިލްކުރީ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމެވެ. އެ މައްސަލާގެ އަޑުއެހުންތަކާއި ހުކުމް އިއްވުން ވެސް ކުރިމިނަލް ކޯޓުން ސިއްރުކުރި އެވެ. އެހެންވެ، އެ މައްސަލާގެ އެއްވެސް މައުލޫމާތެއް މީގެކުރިން ހާމައެއް ނުވެ އެވެ. އެކަމަކު، ބައެއް ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

އެކަމަކު ހައިކޯޓުން ވަނީ އިއްޔެ އެ ހުކުމް އާންމުކޮށްފަ އެވެ. ހުކުމްގައިވާ ގޮތުން މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފޫޓޭޖްތަކުގައި މަމްދޫހު މުލިއާގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ތަން ފެނެ އެވެ. އެތާ އޭނާ އުޅުނު ސަބަބު ތަހުގީގު ބަޔާނުގައި ކިޔައިދީފައިވެ އެވެ.

ބަޔާނުން އެނގޭ މައުލޫމާތަށް ބަލާއިރު މަމްދޫހުގެ އެއްބަނޑު އެއްބަފާ ބޭބެއެއް އެމްއެންޑީއެފްގައި މަސައްކަތްކުރެ އެވެ. މުލިއާގެ ކައިރީގައި މަމްދޫހު އެ ދުވަހު އުޅުނީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އެދުމަކަށް މަމްދޫހުގެ ބޭބެ ބުނެގެން "ކިޔެވެލި ކިޔަވައިގެން" ގޮވާތަކެއްޗާއި ހަތިޔާރު ހޯދުމަށް ކަމަށް އޭނާ ބަޔާނުގައިވެ އެވެ.

އެ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްގެ ސާޑް ސާރ އަދި ޑަންކު ކިޔާ ފަރާތަކާއި ބައްދަލުވި ކަމަށް މަމްދޫހު ބުނެފައިވެ އެވެ. މީގެއިތުރުން ގޮވާ ތަކެއްޗާއި ހަތިޔާރު ހޯދުމަށް ސިފައިންގެ އެސްއެފް ޔުނީފޯމެއް އަޅުވައިގެން ހިބަޅިދުއަށް ގެންދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ކިޔެވެލި ކިޔަވައިގެން ހަތިޔާރު ހުރިތޯ މުޅި ރާއްޖެ ނުބެލޭނެ ކަމަށާއި ނަމަވެސް ޝައްކުކުރެވޭ ރަށްތަކެއް ބުނެ ދިނުމަށް އެދުމުން، ޗީފް އޮފް ޑިފެންސް ފޯސް، ވަކިވަކި ރަށްރަށުގެ ފޮޓޯ އާއި ނަމާއި އެކު ގެނެސް މަމްދޫހްއާ ހަވާލު ކުރި ކަމަށާއި އެގޭ ތެރޭގައި ހިބަޅިދޫ އާއި ބޮޑުކާށިހުރާ އާއި އަދި އެހެން ރަށެއްގެ ފޮޓޯ ގެނެސް ދިން ކަމަށް ވެސް އޭނާގެ ބަޔާނުގައިވެ އެވެ.

މަމްދޫހު ތަހުގީގަށް ދީފައިވާ ބަޔާނަށް ބެލުމުން، މޯލްޑިވްސް ޑިފެންސް ފޯސްގެ ތެރެއިން އޭނާއަށް އެނގެންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ގިނަ ކަންތައްތަކެއް އޭނާގެ ބަޔާނުގައި ބަޔާން ކޮށްފައިވާއިރު، އެއިން އެއްވެސް ކަމެއް ތަހުގީގުން ބަލައި ސުވާލު ކުރަންޖެހޭ އެއްވެސް ފަރާތަކާއި ސުވާލު ކޮށްފައި ނެތްކަން ހައިކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

މަމްދޫހުގެ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއްތޯ ނުވަތަ މިކަމުގައި އެއްވެސް ވަރެއްގެ ހަގީގަތެއްތޯ ބެލުމަކީ ތަހުގީގުކުރާ ފަރާތުން ކުރަންޖެހޭނެ ތަހުގީގު މުހިންމު ބައެއްކަމަށް ހުކުމްގައި ފާހަގަކުރި އެވެ. މަމްދޫހު ވަނީ އޭނާގެ ވާހަކަތައް ސާބިތުކުރުމަށް އެމްއެންޑީއެފްގެ މަސައްކަތަށް ގެންދެވުނުކަން ބަޔާން ކުރުމަށް އޭނާގެ ބޭބެ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި ބޮން ހޯދުމާއި ބޮން އޮތް ސަރަހައްދެއް ހޯދުމަށް މަމްދޫހާއިއެކު ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ދަތުރުކުރިކަން ބަޔާން ކޮށްދިނުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އާއި ހަސަން ޝާހިދު (ޝާޑު ޝަރ) ޝަރީއަތަށް ހާޒިރުކޮށްދޭން ވެސް އެދިފައިވެ އެވެ.

އެކަމަކު، އެއިން އެއްވެސް މީހެއްގެ ހެކި ބަސް މައްސަލާގައި ނެގުމެއް ނެތި މަމްދޫހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ، މަމްދޫހުގެ ވާހަކަތަކަކީ ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭފަދަ ވާހަކަތަކެއް ކަމަށާއި އެކަމާއިމެދު އިތުރަށް ބަލައި އޭނާގެ ދިފާއީ ހެކީންގެ ކިބައިން އަޑުނާހައި އޭނާގެ ދިފާއުއާމެދު ގޮތެއް ނިންމޭފަދަ ވާހަކަތަކެއް ވެސް ނޫން ކަމަށެވެ.

އޭގެއިތުރުން ދައުލަތުގެ އިދާރާއަކުން އަދި ހާއްސަކޮށް ދިފާއީ ހިދުމަތަކުން، ހުރާފީ ކަންތައްތަކެއްގެ ތެރޭގައި މަމްދޫހު ބައިވެރިކުރުވިކަމުގެ އެކަށީގެންވާ ޝައްކެއް އޮތްކަން، އޭނާގެ ބަޔާނުންނާއި ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުންނާއި ދައުލަތުން ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ކޮރަސްއެގްޒަމިން ކުރެވުނު އިރު، އެ ފަރާތްތަކުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތުން ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭ މިންވަރަށް ކަންތައްތަކެއް ބަޔާން ކޮށްދީފައިވާކަން ވެސް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ އެ އިދާރާގެ ހާލަތަކާއި އެ އިދާރާ ހިންގިގޮތް ތަހުގީގު ނުކުރެވި، ރައްޔިތު މީހާ ލައްވާ އެ އިދާރާއިން އެކުރުވި ކަންތަކުގެ ގެއްލުން ނުވަތަ އުގޫބާތުގެ ބުރަ އެ ރައްޔިތަކަށް އުފުލާން ޖެއްސުމަކީ ގާނޫނީ ނިޒާމެއްގެ ތެރެއިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ މައްސަލާގައި މަމްދޫހުގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

މީގެކުރިން ހަމަ އެ މައްސަލާގައި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމް 17 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށްފައިވެ އެވެ. މަމްދޫހާއި އުބައިދުގެ އިތުރުން ދެން އެ މައްސަލާގައި 17 އަހަރަށްލާން ހުކުމްކުރީ ތ.ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުއާއި، ހ.މިޓާޒް ތަލްއަތު މުހައްމަދު އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްދަ އެވެ.