ހަބަރު

ހައިކޯޓު ހުކުމް: ތިހާމް ކުށްވެރިވީއިރު ޒަމީރު ސަލާމަތްވެއްޖެ

ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުވާކުރި އޭރުގެ ސިފައިންގެ ދެ މީހުންނަށް ދެ ގޮތަށް ހައިކޯޓުން ހުކުމް މިއަދު ކޮށްފި އެވެ.

މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަަށް ލުމަށެވެ. އެމީހުންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލީ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮވުމުން އެ ލޯންޗުކޮޅަށް އަރައި ލޯންޗުކޮޅުން ތަހުގީގަށް ބޭނުންކުރެވިދާނެ ހެކި ނަގައިގެން ހުޅުލެއަށް ގެންދިޔަ ކަމަށް ބުނެ އެވެ. އަދި އެ ސާންޕަލްތައް ނެގީ ތަހުގީގު އިދާރާއެއްގެ ލަފާއެއް ނެތި، އަމަލު ކުރަން ޖެހޭ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ބުނެ އެވެ.

މިއަދު ހައިކޯޓުން ވަކިވަކިން ކުރިއަށް ގެންދިޔަ ދެ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި ޒަމީރުގެ މައްޗަށް ކޮށްފައިވާ އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ހުކުމް ބާތިލްކޮށްފައިވަނީ އެފަދަ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ އުސޫލާ ހިލާފަށް ޒަމީރު އަމަލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް އެ އުސޫލަކީ ކޮބައި ކަމެއް ކުރިމިނަލް ކޯޓަށް ވެސް އަދި ހައިކޯޓަށް ވެސް ދައުލަތަށް ހުށަހެޅިފައިނުވާތީ އެވެ.

އޭގެއިތުރުން އެ މައްސަލާގައި ޒަމީރު އަމަލުކޮށްފައިވާ ގޮތަށާއި ހެކީންގެ ހެކި ބަހަށް ބަލާއިރު އުސޫލުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކަން ސާބިތުވާން ނެތް ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ. ޒަމީރު އަމަލުކުރީ އޭނާއަށް ކޮމާންޑްކުރަން ހުރި އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، އަހުމަދު ފަޔާޒުގެ އަމުރަށް ކަމަށާއި އެއީ އޭނާގެ ރަސްމީ މަސައްކަތުގެ ޒިންމާގެ ދަށުން ކުރި ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ލޯންޗުކޮޅަށް އަރައި، އޭނާ މަސައްކަތް ކުރީ ނުނިޔަތެއްގައި ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ކަނޑައެޅި އެވެ.

މި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. ދެން ބެންޗްގައި ތިއްބެވީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ތިހާމްގެ މައްސަލާގެ ބެންޗުގައި ވެސް ފަނޑިޔާރު ޝުއައިބު އިންނެވި އެވެ. ދެން އެ މައްސަލާގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ހަމީދުގެ އިއްތިފާގުން ނިންމަވާފައިވަނީ ތިހާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓަން ޖެހޭ ކަމަށެވެ. ފަނޑިޔާރު ޝުއައިބުގެ ރައުޔު ތަފާތެވެ. ތިހާމްގެ މައްސަލާގައި ވެސް ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވީ ޒަމީރުގެ މައްސަލާގައި ފާހަގަ ކުރެއްވި ކަންކަމެވެ.

ތިހާމްގެ ހުކުމް ދަމަހައްޓަން ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ހަމީދު ނިންމެވީ އެފަދަ ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލެއް ލިޔެފައި ނެތް ނަމަވެސް ޕްރެފެޝަނަލް ސްޓޭންޑާޑްތަކެއް ހުންނަ ކަމަށާއި ލޯންޗުކޮޅަށް ތިހާމް އަރައި، އަމަލުކޮށްފައިވަނީ އެ އަސާސީ ކަންކަމާ ވެސް ހިލާފަށް ކަމަށެވެ. އަދި އޭނާ ލޯންޗުކޮޅަށް އެރީ ފަޔާޒުގެ އަމުރަކަށް ކަމަށް ދިފާއުގައި ބުނި ނަމަވެސް އެކަން ސާބިތުވާނެ ހެކި ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

މި މައްސަލާގައި ހުކުމް ކުރިމިނަލް ކޯޓުން އިއްވިއިރު ވެސް ތިހާމާއި ޒަމީރު ޖަލު ހުކުމުގެ މުއްދަތަށްވުރެ މާގިނަ ދުވަހު ތިބީ ބަންދުގަ އެވެ. އެހެންވެ، ޖަލު ހުކުމެއް އައި ނަމަވެސް އެމީހުން މިނިވަންވި އެވެ.