ހަބަރު

މުލިއާގެ ކައިރީ ބޮން ބޭއްވި މައްސަލައިން މަމްދޫހު ވެސް ސަލާމަތްވެއްޖެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލުމަށް މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި ކަމަށް ބުނާ މަައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު މީހުންގެ ތެރެއިން އެކަކު މިނިވަން ކުރުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކުށްވެރި ނުވާ ކަމަށް މިއަދު ހައިކޯޓުން ކަނޑައެޅީ ހއ.ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އެވެ. ހައިކޯޓުން މިއަދު ބާތިލްކުރީ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމެވެ. މީގެކުރިން ހަމަ އެ މައްސަލާގައި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމް 17 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށްފައިވެ އެވެ.

މަމްދޫހާއި އުބައިދުގެ އިތުރުން ދެން އެ މައްސަލާގައި 17 އަހަރަށްލާން ހުކުމްކުރީ ތ.ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުއާއި، ހ.މިޓާޒް ތަލްއަތު މުހައްމަދު އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްދަ އެވެ.

މި މައްސަލާގައި މަމްދޫހުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އޭނާ ވަނީ ދިފާއުއެއްގެ ގޮތުގައި ދައުވާގެ ސީޣާ އާއި ތަހުގީގު ހިންގާފައިވާ ގޮތަށް ބަލާއިރު ކުށުގެ އަމަލާއި ދައުވާކޮށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކުށާއި، ދިމާނުވާތީ، ޖިނާއީ ގާނޫނުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ "ފެއާ ލޭބަލިން" ގެ
އަސާސް އާއި ހިލާފަށް ދައުވާކޮށް މައްސަލައެއް ކަމަށް ބުނެފަ އެވެ.

މިއަދު ހައިކޯޓުން އިއްވި ހުކުމްގައި ވެސް އެކަން ފާހަގަކޮށް ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށް މަމްދޫހު ކުރިކަން ސާބިތުކޮށްދިނުމަށް ގާނޫނުގައި ބަޔާާންކޮށްފައިވާ މަގުސަދުތަކުގެ ތެރެއިން މަގުސަދެއްގައި ނުވަތަ ގާނޫނުގައި ބަޔާންކުރާ އެއްޗެއް ބޭނުން ކޮށްގެން ކުރިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތުވާނެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

އެކަންކަން ސާބިތުކޮށްދިނުމުގެ ބަދަލުގައި މައްސަލާގައި ދައުލަތުން ވަކާލާތުކޮށްފައިވަނީ މަމްދޫހުއާއެކު ދައުވާ އުފުލި
އަނެއް ތިން މީހުންނާއެކު ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ މައްޗަށް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

މައްސަލާގައި ދައުވާ ލިބުނު ޒިހާން އަހުމަދު ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ބުނެފައިވަނީ ގޮވާއެއްޗެއް ކަމަށް ބެލެވޭ އައިއީޑީ ހެދީ އޭނާ އާއި ތަލްއަތު ކަމަށާއި އެކަން އެހެން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ. އެ އެއްޗަކީ މަޖަލަކަށް ހެދި ފޭކް އެއްޗެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމް ފާހަގަކުރި ގޮތުގައި، މައްސަލާގައި ހުށަހެޅިފައިވާ ގަރީނާތަކަށް ބަލާއިރު، މަމްދޫހްގެ މައްޗަށް އުފުލިފައިވާ "ޓެރަރިޒަމްގެ އަމަލެއް" ކުރުމުގެ ކުށް އޭނާ ކުރިކަން ސާބިތުވާ މިންވަރަށް އެއިން އެއްވެސް ގަރީނާއަކާ ގުޅުވާ ލެވިފައި ނެތެވެ. އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރުމުން ފުލުހުންނަށް ފެނިފައިވަނީ ލައިގެންހުރި ގަމީހާއި ފަޓުލޫނު ކަމަށާއި އެގަމީހާ ފަޓުލޫނު މަމްދޫހު ކުޅަ ކަމަށް ބުނާ "ޓެރަރިޒަމްގެ އަމަލާ" ގުޅިގެންދަނީ ކޮން ގޮތަކުން ކިހިނެތްކަމެއް ބަޔާން ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.

އައިއީޑީ ލާފައިވާ މާޖެހި ޓޮޕުން ނެގި އިސްތަށިން ވެސް ޑީއެންއޭއެއް ފެނިފައިނުވާއިރު ހުށަހަޅާފައިވާ ވީޑިއޯއިން ވެސް މަމްދޫހު، ޕިކަޕްގެ ބެޓެރީގެ މަތީގައި އައިއީޑީ ބާއްވާ ތަން ނުފެންނަކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންކަމުން އެކަން އޭނާ ކުރިކަން ސާބިތުކުރާނެ ސީދާ އަދި ނުސީދާ ހެއްކެއް ވެސް ނެތެވެ.