ރިޕޯޓް

ބޮން ނުގޮވިއަސް އެންމެން ފިތްކަނޑުވާލި!

އިއްޔެ ހަވީރު ވެގެން އައިއިރު ހާއްސަ ކަމެއް ފާހަގައެއް ނުވެ އެވެ. އާދައިގެ ދުވަހެކެވެ. އެކަމަކު އިރު އޮއްސެން ދަނިކޮށް ކުއްލިއަކަށް ހީވީ މުޅި ދުވަސް އެކޮޅު ކޮޅުން ޖެހި މާލެ އެނބުރިގަތް ހެނެވެ. "ބޮމެއްގެ އިންޒާރު" ދީފިއޭ ބުނަމުން މީހުން ކޮޅުކޮޅު މައްޗަށް އެނބުރިގަތެވެ. މާލެތެރެ ހަަލަބޮލިވި އެވެ. އެކަކަށްވެސް ވާއެއް ނުވާއެއް ނޭނގުނެވެ.

ދެން އިވުނީ ޔުނީފޯމުގައި ތިބި ފުލުހުންގެ ބަަޔަކު މުލިއާގޭ ކައިރިން ގޭގެއަށް ވަންވާހަކަ އާއި ސަރަހައްދު ބަންދުކުރި ވާހަކަ އެވެ. މާފަނު ސްޓޭޑިއަމުން މީހަކު ހުސްކުރާ ވާހަކަ އެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހާސްކަމެވެ. މި ބިރުވެރިކަން ކުރިމަތިވީ ބަޔަކު މުލިއާގެ ކައިރީ އެއްޗެއް ގޮއްވާލަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފެށި ހާއްސަ އޮޕަރޭޝަނުގެ ހަބަރުތައް ނިއުޅިގަތުމުންނެވެ.

އެންމެން ހާސްކަމުގައި ތިބި އިރު އެންމެ ބޮޑު ބިރުވެރި ކަމެއް ކުރިމަތިވީ ބޮން ބާއްވާފައި އޮތް ހިސާބުގައި ދިރިއުޅެމުން އައި މީހުންނެވެ. އަދި އެވަގުތު އެ ގޭގެ ހުރިހާ މީހުން ގެއިން ނުކުމެ ގެ ހުސްކޮށްދިނުމަށް ފުލުހުން އެންގުމުންނެވެ.

"އެމީހުން [ފުުލުހުން] އައިސް ބުނީ މިހާރު ގެއިން ހުރިހާ މީހުން ނުކުންނަން. ވެގެން އުޅޭ ގޮތެއް ނުބުނޭ. އެހެން ބުނުމުން އަވަސް އަރުވާލައިގެން ނުކުތީ،" އިއްޔެ އައިއީޑީ ފެނުނު މުލިއާގެއާ އިއްވެގެން ހުރި "އާރްޖީ ޓަވަރު" ގެއިން އަވަސްއާ ވާހަކަ ދެއްކި ހައްވާ ނިޝާ ބުންޏެވެ.

"އާރްޖީ ޓަވަރު" ގެ އާ މާދުރުނޫން ހިސާބެއްގައި އޮތް ލޮރީއެއްގައި ހަރުކޮށްފައިވާ އައިއީޑީ ސިފައިން ހޯދާފައިވަނީ އިއްޔެ އިރު އޮއްސެން ކައިރިވެފައިވަނިކޮށެވެ. ސިފައިން ބުނެފައިވާ ގޮތުގައި އިއްޔެ ފެނިފައިވަނީ ފަރުބަދަ ފަދަ ތަންތަން ކެނޑުމަށް ބޭނުންކުރާ ބާރުގަދަ "ސްޓިކް ޑައިނަމައިޓް" އެއް ބޭނުންކޮށްގެން ހަދާފައިވާ އައިއީޑީ އެކެވެ.

"އަހަރުމެނަށް ވީނުވީއެއް ވެސް ނޭނގެ އަވަސް އަރުވާލީ ގެއިން ނިކުންނަން. ފަހުން އެއީ ބޮމެއްކަން އެނގުނީ. ބޮމެއްކަން އެނގުމުން ވަރަށް ބިރު ގަތް،"

މި ހާދިސާ ހިނގުމާއެކު އައިއީޑީ ފެނުނު ހިސާބުގައި ހުރި އާރްޖީ ޓަވަރު ގެއިން ވަނީ މީހުން ހުސްކުރި އެވެ. ސަބަބަކީ އޭގެ ބާރުގަދަ ކަމުން ގޮވައިފިނަމަ އާއްމުންނަށް ގެއްލުމެއް ވެދާނެތީ އެވެ. އަދި ބޮން ޑިފިއުސ ކުރުމަށް ސްޓޭޑިއަމަށް ގެންދިޔައިރު އެއޮށް ބޮޑު ސްޓޭޑިއަމުން ވެސް މީހުންތައް ބޭރުކޮށްލައި މުޅި ސަރަހައްދު ބަންދުކުރި އެވެ. މީގެ އިތުރުން ސްޓޭޑިއަމަށް ބޮން ބަދަލު ކުރި އިރު ސިފައިންގެ ރޭޑިއޯ ފްރުކްއެންސ ޖޭމާ ބޭނުން ކުރުމާއި ވެގެން އުޅޭ ގޮތުގައި ރަނގަޅު މައުލޫމާތު ނުލިބުމުން އެންމެނަށް ވެސް ޖެހުނީ "ވާނުވާ" ގައި ތިބޭށެވެ.

"އެ ވަގުތު އަޅުގަނޑު އޭރު ނަމާދުކޮށް ނިމިގެން ދުވާ ކުރަން އިންދާ ކުއްލިޔަކަށް ދަރިފުޅު އައިސް ބުނީ ސިފައިން އައިސްގެން އެބައުޅެއޭ ގެއިން ނިކުންނަން އަންގާފިޔޭ. ދެން ވަރަށް ބިރުގަތް. ދޮރުމަތީ ހުރި ސިފައިންގެ އޮފިސަރެއް ބުނީ ސަލާމަތާ ރައްކާތެރިކަމަށް މި އިމާރާތް މިހާރުން މިހާރަށް ހުސް ކުރަން ޖެހިއްޖެއޭ،" އެ ބިރުވެރި ވަގުތުކޮޅު ކިޔައިދެމުން ނިސާ ބުންޏެވެ.

"އެއްގޮތަކަށް ވެގެން އުޅޭގޮތެއް ފުލުހުން ނުބުނި. ވަރަށް ސުވާލު އެހިން ގޭގެ މުދަލާއި އެއްޗިސް ދޫކޮށްފަހޭ ކިހިނެއްހޭ ދެވޭނީ؟ އެކަމަކު ޖަވާބު ނުދީ ފުލުހުން ބެލީ މީހުން ހުސްކުރެވޭ ތޯ! އެހެންވެ އަތުގައި ޖެހުނު ވޮލެޓާއި ފޯނު ހިފައިގެން ނިކުތީ. އޭރު އިމާރާތުގައި ދެން ތިބި މީހުން ވެސް ނިކުމޭ، އެއްގޮތަކަށް ވެސް ނޭނގުނު ވީގޮތެއް،" އާރްޖީޓަވަރުގެ ތިންވަނަ ފްލޯގައި ދިރިއުޅޭ ނިޝާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ގެއިން ނިކުމެގެން ހުރިހާ މީހުން ދިޔައީ އާއިލާގެ އެހެންގެ އަކަށެވެ. އަދި ބޮމެއްކަން އެނގުނީ އެގޭގައި ހުއްޓާ ޓީވީ އިން ހޯމް މިނިސްޓަރު އުމަރު ނަސީރު އައިއީޑީއެއް ފެނިފައިވާކަން ކަށވަރުކޮށް ދެއްވުމުންނާއި ފަހުން ސިފައިން މައުލޫމާތު ދިނުމުންނެވެ.

"ބުނީ ފަރުބަދަ ވެސް ގޮއްވާލެވޭ ވަރު ބޮމެކޯ! ފުރަތަމަވެސް ހީކުރީ ގެއިން ނިކުތުން މާލަސްވީ ނަމަ ކިހިނެތްބާވެއޭ ވާނީ!. ގޭގައި އުޅޭ ބައެއް ކުދިން ރުއި. ބޮން ޑިފިޔުސް ކުރިޔޭ ބުނުމުންވެސް ހިތަށް ފަސޭހައެއް ނުވި. އެއްވެސް ކަހަލަ އަމާން ކަމެއް ނެތް،" އެކަކު ބުންޏެވެ.

ހަގީގަތުގައ އައިއީޑީގެ ހާދިސާއަކީ މުޅި މާލެ ކޮށިއަރުވައިލި ހާދިސާއެކެވެ. ބޮން ނުގޮވާ ގޮތް ހެދި ނަމަވެސް އޭގެ ހާސްކަމުގައި އެންމެ ފިތްކަނޑުވައިލި އެވެ.