މުލިއާގޭ ކައިރީ އެއްޗެއް ގޮއްވާލަން އުޅުން

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

Aug 21, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނުމުން ބަންދު ކޮށްފައި ހުރި މީހާ ދޫކޮށްލީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން އެ މީހާ ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ ނިންމުމާ ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ބަންދުގައި ހުރި މީހާ ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް ތިން ފަހަރަށް މުއްދަތު ޖެހުމަށްފަހު އެވެ.

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ދެ މީހަކު ހައްޔަރުކުރީ މިދިޔަ ޖުލައި ނުވަވަނަ ދުވަހު އެވެ. އެ ދެ މީހުން އެ ދުވަހު ވަނީ މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި އޮތް ފޮއްޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އަޑު ގަދަ ކޮށްފަ އެވެ. ފޮށިގަނޑުގައި އޮތް އެއްޗެއް ގޮއްވާލާނެ ކަަމަށް އިންޒާރު ވެސް ދީފައިވެ އެވެ.

އިންޒާރާ ގުޅިގެން އެ ދެ މީހުން ހައްޔަރުކުރީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނަކަށް ފަހު އެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހައްޔަރުކުރި ދުވަހުގެ ރޭ ދޫކޮށްލާފަ އެވެ.

ހައްޔަރުކުރި ދެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެކެވެ. އަދި އެ ދެ މީހުން މުލިއާގެ ކައިރިން އެ ދުވަހު ދިޔައީ ރިހެބުން ގެއަށް ދިޔަ މަގުމަތީގަ އެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް ފުލުހުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތު ކޮށްފަ އެވެ.