ޕްލޭސްޓޭޝަން ޕްލަސްއިން އޮގަސްޓް މަހު ހިލޭ ދޫކުރާ ގޭމްތައް އިއުލާން ކޮށްފި އެވެ.
މިފަހަރު އިއުލާން ކޮށްފައިވަނީ "ޕްލޭސްޓޭޝަން 4" ގައި ހިމެނޭ ތިން ގޭމް އެވެ. ހިލޭ ދޫކުރާ ގޭމްތަކުގެ ތެރޭގައި ބެޓަލް ރޯޔާލް، ޓީމް ޝޫޓާ އަދި ކުޅިވަރު ގޭމް ތަކެއް ހިމެނެ އެވެ.
ޕްލޭސްޓޭޝަން ޕްލަސްގައި އޮގަސްޓް މަހު ހިލޭ ލިބޭ ގޭމްތައް ފާހަގަކޮށްފައި އެވަނީ އެވެ.
ހަންޓާސް އެރީނާ: ލެޖެންޑްސް
މެންޓިސްކޯ އިން ނެރޭ މި ގޭމަކީ 30 މީހުނަށް އެއްފަހަރާ ކުޅެވޭ ބެޓަލް ރޯޔާލް ގޭމް އެކެވެ. އަދި މި ގޭމްގައި ޕީވީޕީ (ކުޅުންތެރިން އެކަކު އަނެކަކާ ވާދަކުރުން) އަދި ޕީވީއީ (ކުޅުންތެރިން ކޮމްޕިއުޓާ އޭއައި ތަކާ ވާދަކުރާ) ގޭމް މޯޑްތައް ހިމެނެ އެވެ.
ހަންޓާސް އެރީނާ ލެޖެންޑްސް އަކީ ފެންޓަސީ ސެޓިން އަކަށް ބިނާ ކޮށްފައިވާ ގޭމެކެވެ. އަދި މިގޭމް ރިލީޒްކުރަން ހަމަޖެހިފައިވަނީ ކޮންސޯލް އެކްސްކްލޫޒިވްއެއްގެ ގޮތުގައި ޕްލޭސްޓޭޝަން އަށެވެ. މި ގޭމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހު ޕްލޭސްޓޭޝަން ޕްލަސް ހިލޭ ގޭމެއްގެ ގޮތުގަ އެވެ.
ޕްލާންޓްސް ވާސަސް ޒޯމްބީސް: ބެޓަލް ފޯ ނެއިބާވިލް
ޕްލާންޓް ވާސަސް ޒޯމްބީސް އަކީ މަޝްހޫރު އާކޭޑް ގޭމެކެވެ. މޯބައިލް ގޭމެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ޕްލާންޓްސް ވާސަސް ޒޯމްބީސް ފްރެންޗައިސް އަކީ ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ގޭމް ސީރީޒް އެކެވެ.
މަޝްހޫރު މި ގޭމް ސީރީޒަށް ތަފާތު ބަދަލެއް ގެނެސް ގޭމް ޑިވެލޮޕްކުރި "ޕޮޕްކެޕް" ވަނީ 2019 ވަނަ އަހަރު ގޭމް ޕަބްލިޝް ކުރާ ކުންފުނި "އީއޭ" އާއި ގުޅިގެން ކޮންސޯލް ތަކަށާއި ޕީސީއަށް "ޕްލާންޓްސް ވާސަސް ޒޯމްބީސް: ބެޓަލް ފޯ ނެއިބާވިލް" ނެރެފަ އެވެ.
މި ގޭމަކީ ތާޑް ޕާސަން ޓީމް ޝޫޓާ ގޭމެކެވެ. މިގޭމަކީ އޮންލައިން އަދި ލޯކަލްކޮށް "ކޯއޮޕް" ކޮށް އެހެން މީހުންނާ އެއްކޮށް ކުޅެވޭ ގޭމެކެެވެ.
ޓެނިސް ވޯލްޑް ޓުއާ 2
"ޓެނިސްް ވޯލްޑް ޓުއާ 2" އަކީ އޮންލައިން އަދި ލޯކަލް ކޮށް ކުޅެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކުޅިވަރު ގޭމެކެވެ. މި ގޭމް އެންމެ ފުރަތަމަ ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްލޭސްޓޭޝަން އަށެވެ.
މަގުބޫލުކަމެއް ހޯދާފައިވާ ޓެނިސް ވޯލްޑް ޓުއާގެ ދެވަނަބައި ކަމަށްވާ މިގޭމްގައި ކުރީގެ ގޭމަށް ބަލައި، އިތުރު ފީޗާތަކެއް ގެނެސް އަދި މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިންވެސް މިގޭމްގައި ހިމަނާފައިވެ އެވެ.
ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕްޝަން ބޭނުން ކުރާ ފަރާތްތަކަށް އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހިލޭ ލިބޭ ގޭމްތައް ޑައުންލޯޑް ކުރެވޭނެ އެވެ.