މިއަހަރުގެ އޮކްޓޫބަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މިދިޔަ ޖުލައި 23 ވަނަ ދުވަހުން ފެށިގެން ޖުލައި 31ގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޭރު މިކަމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ދިވެހިރާއްޖެ، ނޭޕާލް އަދި އިންޑިއާ އިންނެވެ.
މީގެ ކުރިން ލަންކާ އާއި ގުޅިގެން މުބާރާތް ހޯސްޓު ކުރަން ރާއްޖެއިން މަސައްކަތް ކުރި ނަމަވެސް މިފަހަރު މުބާރާތް ހޯސްޓު ކުރަން ނިންމީ ރާއްޖެ އެކަންޏެވެ. އެއީ މިފަހަރުގެ މުބާރާތުގައި ބައިވެރި ވަނީ އެންމެ ފަސް ޓީމުން ކަމަށް ވާތީ އެވެ.
ނޭޕާލުން މުބާރާތް ހޯސްޓު ކުރުމަށް ބިޑް ހުށަހަޅާފައި ވާއިރު، ރާއްޖެއިން ރަސްމީކޮށް ބިޑް ހުށަހަޅާފައި ވަނީ އިއްޔެ އެވެ.
މިކަން ހާމަކޮށް ކުރި ޓްވީޓެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރުމަށް ރަސްމީކޮށް ބިޑް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗްތަކާއި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓު ކުރަން މަސައްކަތް ކުރާއިރު، އެފްއޭއެމުން ވަނީ މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ. މިއީ މިފަހަރުގެ ބިޑަށް ލިބޭނެ އިތުރު ހިތްވަރެކެވެ.
އެންމެ ފުރަތަމަ ފަހަރަށް ރާއްޖެއިން ބިޑް ކާމިޔާބު ކުރިއިރު އެފަހަރުގެ އޭއެފްސީ ކަޕް ވަނީ ކެންސަލް ކޮށްފަ އެވެ. އެފަހަރު ބިޑް ކުރީ ރާއްޖެއިން އެކަންޏެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހު މިފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ރާއްޖެއިން އިންޑިއާ އާއި ވާދަކޮށް ބިޑް ކާމިޔާބު ކުރި ނަމަވެސް، ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާ ހިލާފު ވުމުން އެމެޗު ވަނީ ކެންސަލް ކޮށްފަ އެވެ. އެ މެޗު އަލުން ކުޅުމަށް ރާއްޖެއިން ބިޑް ކާމިޔާބު ކުރީ ބަންގްލަދޭޝް އާއި ވާދަކޮށްގެންނެވެ.
ގިނަ ފަހަރެއްގެ މަތިން މިބިޑް ރާއްޖެއިން ކާމިޔާބު ކުރުމަކީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ބިޑް ކާމިޔާބު ކުރެވިދާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. އަނެއްކޮޅުން އެހެން ގައުމަކާ ބައިވެރި ނުވެ ރާއްޖެއިން މުބާރާތް ހޯސްޓް ކުރަން ނިންމުމަކީ ބިޑް ކާމިޔާބު ކުރުމަށް ލިބޭ އިތުރު ހިތްވަރެކެވެ. ސަބަބަކީ ކޮވިޑްގެ މިހާލަތުގައި ގިނަ ގައުމު ތަކަށް ދަތުރު ކުރުމަށް ވުރެ އެއް ގައުމެއްގައި މުބާރާތް ބޭއްވުން ރައްކާތެރި ވެފައި ފަސޭހަ ވާނެތީ އެވެ.
މީގެ އިތުރުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ރާއްޖެއިން ވަނީ ކުރިއަރަމުންދާ އިންޑިއާ އާއި ވާދަކޮށް ކާމިޔާބު ކޮށްފަ އެވެ. މިއިން އެނގިގެން ދަނީ ބޮޑެތި ގައުމު ތަކާއި ވާދަކޮށް ރާއްޖޭގައި މިފަދަ މުބާރާތްތައް ހޯސްޓު ކުރެވޭނެ ފަދަ ފެންވަރު އެބަހުރި ކަމެވެ.
ހަމަ އެހެންމެ އަވައްޓެރި ގިނަ ގައުމު ތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަރަށް ރަނގަޅެވެ. ކުޅުންތެރިންނާއި އޮފިޝަލުންގެ ސިއްހީ ރައްކާތެރި ކަމަށް ބަލާ ނަމަވެސް މިއީ ރާއްޖެއަށް ރަނގަޅު ފުރުސަތެކެވެ.
މިއަހަރުގެ މުބާރާތް އަންނަ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައި ބާއްވަން ތައްޔާރުވަމުންދާއިރު، މި މުބާރާތް ފުރަތަމަ ބާއްވަން ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކޮށްލީ މުބާރާތް ކުރިއަށް ގެންދަން އޭރު ހަމަޖެހިފައި އޮތް ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސް ވުމުންނެވެ.
މުބާރާތް ހޯސްޓް ކުރާނެ ގައުމެއް ހޯދަން އަލުން އިއުލާނު ކުރީ ބަންގްލަދޭޝްގައި އަދިވެސް ކޮވިޑްގެ ހާލަތު ރަނގަޅު ނުވުމާއި، މުބާރާތުގެ ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތަށް އެކަށިގެންވާ ވަރުގެ ކުރިއެރުމެއް ނުލިބުމުންނެވެ.
މިހާތަނަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ލަންކާ އާއި ގުޅިގެން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރި އިރު ރާއްޖެއިން ވަނީ އެމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ނަގާފަ އެވެ. އޭގެ ފަހުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ބޭއްވީ އަވަށްޓެރި ބަންގްލްދޭޝްގަ އެވެ.
މިފަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގޮތް އެހެން އަހަރު ތަކާއި ތަފާތެވެ. އާންމު ގޮތެއްގައި ޖުމްލަ ހަތް ޓީމު ބައިވެރި ވެގެން މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަރު މުބާރާތް ކުރިއަށް ގެންދާނީ ފަސް ޓީމާއި އެކު އެވެ. އެއީ ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ބޫޓާނުން މުބާރާތުގައި ބައިވެރި ނުވުމަށް ނިންމުމާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވޭނެތީ އެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަ ކުރާނީ ހުރިހާ ޓީމެއް ބައްދަލު ކުރުމަށް ފަހު އެންމެ ވަރުގަދަ ދެޓީމެވެ.