ޓޫރިޒަމް

ޓީޓީއެމް މޯލްޑިވްސް ނޮވެމްބަރު ގައި

"ޓީޓީއެމް މޯލްޑިވްސް 2021" ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 28 އިން 30 އަށެވެ. މިއީ ފެއާ ބާއްވާ ފަސްވަނަ ފަހަރެވެ.

މިފަހަރުގެ އިވެންޓްގައި ފިޒިކަލް ބައްދަލުވުންތަކާއި ވާޗުއަލް ހަރަކާތްތައްވެސް ކުރިއަށް ގެންދާގޮތައް ނިންމާފައިވާއިރު މި ފެއާގައި 150 ޕްރޮޕަޓީ ޝޯކޭސް ކުރާނެ އެވެ. އަދި ތަފާތު 30 މާކެޓަކުން 200 ޓްރެވެލް ޓްރޭޑް ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

މި އިވެންޓުގައި ބައިވެރިވާ އެގްޒިބިޓަރުންނަށް ފުރުސަތު ލިބިގެންދާނީ ހަމައެކަނި ނޮވެމްބަރު 28 ވަނަ ދުވަހު އޮންނަ ޓީޓީއެމް ޓްރެވަލް ސަމިޓްގަ އެވެ. މީގެއިތުރުން ރަޖިސްޓްރީކުރާ އެގްޒިބިޓަރުންނަށް ޓީޓީއެމް އެވޯޑް ހަފްލާއަށާއި ގާލާ ނައިޓްއަށް ދައުވަތު ލިބިގެންދާނެ އެވެ.

މި އިވެންޓް އިންތިޒާމް ކުރާ ފަރާތުން ބުނި ގޮތުގައި މިފަަހަރުގެ ފެއާ ފިޒިކަލްކޮށް ބޭއްވި ނަމަވެސް މި އިވެންޓް ކުރިއަށް ދާނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށެވެ. އަދި "މެޓްޑެކް މޯލްޑިވްސް" މެދުވެރިކޮށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކެއް ކޮވިޑަށް ޓެސްޓް ކުރާނެއެވެ.

ޓީޓީއެމް މޯލްޑިވްސް މިދިޔަ ހަތަރު އަހަރުވަނީ ބާއްވާފަ އެވެ. މިދިޔަ އަހަރުގެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު މަހުގެ 24 އިން 26 އަށެވެ. މިދިޔަ އަހަރުގެ ޓީޓީއެމް ފެއާގައި ފަތުރުވެރިކަމުގެ ދާއިރާއިން 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފަ އެވެ.