މަކަރާއި ހީލަތުން މީހަކަށް ގުޅައިގެން 60،186 ރުފިޔާ ރުފިޔާ އަތުލި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ އުމުރުން 36 އަހަރުގެ އިބްރާހިމް ރަޝީދެވެ. އޭނާ އަކީ ހއ. ބާރަށަށް ނިސްބަތްވާ މީހެކެވެ. ރަޝީދުގެ އެޑްރެހަކީ ކޭސީވިލާ އެވެ.
ފުލުހުން ބުނީ ރަޝީދު ވަނީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ރަޝީދަށް ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާރިޒުވާން އޭނާ އަށް ވަނީ އަންގާފަ އެވެ.
މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މަކަރުން ފައިސާ އަތުލުމުގެ މައްސަލަތައް ކޮވިޑް ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އައި އިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުން ދިޔަ އެވެ. އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުން ދަނީ ވަރަށް ރޭވުންތެރިކަމާ އެކުގަ އެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި ވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު އެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.