އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ އޮފީސް މަޖީދީ މަގު ސްޓާ ކްލައުޑަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގަމުން އައި އޮފީސް މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑް -- ކުރީގެ ސްޓާ ސިނަމާ -- އިމާރާތަށް ބަދަލުކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ޑރ. އަދްހަމް އަބްދުﷲ ވިދާޅުވީ އާ އިމާރާތަށް ބަދަލުވީ މިއަދު ކަމަށެވެ. އެއާއެކު ދެން އެޗްއާރުސީއެމްގެ އޮފީސް ހިންގާނީ ސްޓާ ކްލައުޑްސްގެ 12 އަދި 13 ވަނަ ފަންގިފިލާގަ އެވެ.

އާ އިމާރާތަށް ބަދަލުވީ ކުރިން އެޗްއާރްސީއެމް ހިންގި މއ. އުތުރުވެހި އިމާރާތުގައި ފެންބޮޑުވުން ފަދަ މައްސަލަތައް ދިމާވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އަދުހަމް ވިދާޅުވި އެވެ. އެހެންކަމުން ކުރިން އޮފީސް ހިންގި އިމާރާތަކީ މަސައްކަތް ކުރަން އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ.

މިދިޔަ އަަހަރުގެ ޖޫން މަހު އެޗްއާރްސީއެމް ކުރިން ހިންގި އިމާރާތުގެ ފާހާނާއެއްގެ ހޮޅިއެއް ފަޅައިގެން ގޮސް އެ އޮފީހުގައި ފެން ބޮޑުވެ ތަނަށް ބޮޑެތި ގެއްލުން ވެސް ލިބުނެެވެ.

އެޗްއާރުސީއެމްގެ އޮފީހުގައި 70 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެޗްއާރުސީއެމްގެ އިމާރާތް ސްޓާ ކްލައުޑަށް ބަދަލުކުރި އިރު އިމިގްރޭޝަންގެ ވިސާގެ ހިދުމަތްތަކާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސް ވެސް އެ އިމާރާތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.