ގދ. ތިނަދޫ

37 އަހަރު ފަހުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔުނިފޯމް ކޯޑު ބަދަލުކުރަނީ

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔުނިފޯމް ކޯޑަށް 37 އަހަރު ފަހުން ބަދަލު ގެނެސްފި އެވެ.

ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު އަވަސް އަށް ވިދާޅުވީ ޔުނީފޯމް ކޯޑަށް ބަދަލު ގެންނަން ނިންމީ ކުދިންނަށް ފަސޭހަކަމާއެކު ހަމަޖެހިލައިގެން ކިޔަވަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ފެށުނީއްސުރެ ވޭތުވެ ދިޔަ 37 އަހަރު ވަންދެން އެ ސުކޫލުގެ ދަރިވަރުން ލަނީ އެންމެ ކުރީގެ ބަންދު އެޅި ޔުނީފޯމެވެ. އެ ސުކޫލަށް ހާއްސަކޮށްފައި ވަނީ މަޑުނޫ ކުލަ އެވެ. ޕްރިފެކްޓް ކުދިން ލައި އުޅުނީ ހުދުކުލައިގެ ފަޓުލޫނެވެ.

ޝިފާޒު ވިދާޅުވީ ޔުނީފޯމަށް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދަރިވަރުން ބޭނުން ގޮތަކަށް ޔުނިފޯމް އެޅުމުގެ އިހުތިޔާރު ދީފައި ވާނެ ކަމަށެވެ.

އެގޮތުން ގެނެވުނު ބަދަލަކީ އަންހެން ކުދިން ގޮށްފަތި ނީންނަ ގަމީހެއް ލުމަށްފަހު ވަކިން ތިރިއެއް ލައި ބެގީ ކުރާ ގޮތަށެވެ. ބުރުގާ ނާޅާ އަންހެން ކުދިންނަށް އެކުއްޖަކު ބޭނުންނަމަ އަތް ދިގުކޮށްވެސް އަދި އަތް ކުރުކޮށް ވެސް ޔުނިފޯމް އެޅުމުގެ އިހުތިޔާރު އޮންނާނެ އެވެ. އަދި ތިރިން ހަރުވާޅު ލުމާއި ނުލުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ. ފިރިހެން ކުދިންނަށް ވެސް އަތް ދިގުކޮށް ނުވަތަ އަތް ކުރުކޮށް ޔުނީފޯމު ލުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފިރިހެން ޕްރިފެކްޓް ކުދިން ވެސް މީގެ ފަހުން ލާނީ ކުލަ ފަޓުލޫނެވެ. އެހެން ކުދިންނާ ޕްރިފެކްޓް ކުދިންނާ ތަފާތު ވާނީ ޓައި އަކުންނެވެ. އަންހެން ޕްރިފެކްޓުން ވެސް ތަފާތު ވާނީ ޓައީ އަކުން އެކަންޏެވެ.

ޒަމާނުއްސުރެ އެ ސުކޫލުގައި ބޭނުންކުރަމުން އައި މަޑު ނޫ ކުލަވެސް މިހާރު "ނޭވީ ބްލޫ" ކުލައަށް ބަދަލުކޮށްފަ އެވެ. އެހެންނަމަވެސް ސުކޫލްގެ ބެޖަށް ބަދަލެއް ނާންނާނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

"މީގެ ހަމަ އެންމެ ބޮޑު ބޭނުމަކީ ކުދިން އެކުދިންގެ ކޮންފޯޓް ޒޯންގައި ކިޔެވުން. މިސާލަކަށް ޕްރިފެކްޓް ކުދިން ހުދު ފަޓުލޫނު ލައިގެން އައިސް ތަނަކު ހޭކިއްޖިއްޔާ އެ ހުންނަނީ ހަޑިވެފައި. އެހެންވީމަ އެކުދިންވެސް ނޭވީ ބްލޫ ކުލައިގެ ފަޓުލޫނު ލައިފަ ދެން ތަފާތުވާނީ ޓައީ އެޅީމަ. އެހެންވީމަ އެކުދިންނަށް އެކުދިން ބޭނުން ގޮތަކަށް ޔުނީފޯމު އަޅަން އިހުތިޔާރު ދިނީމަ ކުދިން މާ އުފާވެސް ވާނެ އަދި ސުކޫލަށް އަންނަ ހިތުން އައިސް ހަމަޖެހިގެން ކިޔަވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ޝިފާޒު ވިދާޅުވި އެވެ.

މިމަހުގެ އަށްވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެންދާއިރު އެ ސުކޫލުގެ ދަރިވަރުން ޔުނީފޯމު އަޅާނީ އާ ޔުނީފޯމު ކޯޑާ އެއްގޮތަށެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެނީ ގްރޭޑް ހަތަކުން ފެށިގެން ގްރޭޑް 12 އަށެވެ. އެ ސުކޫލުގައި 500 އާއި ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ.