ފިނިޕޭޖް

ބުޅަލުގެ އިހުސާސްތައް ދެނެގަންނަ އެޕްލިކޭޝަނެއް

ބުޅަލަކީ ގިނަ ބަޔަކު ލޯބިން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެކެވެ. ނަމަވެސް ބުޅަލެއްގެ އިހުސާސްތައް ނުވަތަ އޭގެ ހާލު ބަލާލާފައި ވަކި ކުރަން ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމަކަށް ނުވެދާނެ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ދިރާަސާތަކަކަށް ފަހު މިހާރު މިވަނީ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށް އާންމުކޮށްފަ އެވެ.

"ޓެބްލައި" ކިއާ މި އެޕްލިކޭޝަނަކީ ކެނެޑާގެ ސިލްވެސްޓާ އޭއައި ޓީމުން ޑިޒައިންކޮށް ނެރެފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަނަކީ ބުޅަލާ ބެހޭ ގިނަ ދިރާސާ ތަކަކަށް ބިނާކޮށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

ފީލައިން ގްރިމަސް ސްކޭލް (އެފްޖީއެސް) އަށް ބިނާކޮށް ކޮށްފައިވާ ދިރާސާ ތަކުން ދައްކާ ގޮތުގައި އެފްޖީއެސް އަކީ ބުޅަލާއި ފީލައިން އާއިލާގެ ގިނަ ޖަނަވާރުތަކުގެ ސިއްހީ ހާލަތާއި އިހުސާސްތައް ދެނެގަތުމަށް ބޭނުންކުރެވިދާނެ މިންގަނޑެކެވެ. ކެމަރާ މެދުވެރިކޮށް ނަގާ ފޮޓޯތަކެއް ޓެބްލައި އެޕްލިކޭޝަނުން ބެލުމަށްފަހު ނަތީޖާ ނެރެދިނުމަށް ބޭނުންކުރަނީ އެފްޖީއެސް މިންގަނޑެވެ.

އެފްޖީއެސް އިން ބުޅަލުގެ ހާލަތު ދެނެގަންނަނީ ބުޅަލުގެ ކަންފަތް، ލޯ، އަނގަ އަދި މިނޫންވެސް ބުޅަަލުގެ މޫނުމަތިން ފެންނަ އެކި ހިސާބުތައް އެ ގަޑިއެއްގައި ހުންނަ ގޮތަކަށް ނިސްބަތް ކޮށް ނަތީޖާ ދައްކަ އެވެ.

މި އެޕްލިކޭޝަން މިހާރު ދަނީ ގިނަ ވެޓް ކްލިނިކް ތަކުގައި ބޭނުން ކުރަމުންނެވެ. އަދި މިހާތަނަށް މި އެޕްލިކޭޝަނަށް ލިބިފައިވާ ހިޔާލުތައް ވެސް ވަރަށް ފުރިހަމަ އެވެ.

މި އެޕްލިކޭޝަން ޑިޒައިން ކުރި ޓީމުން ބުނާ ގޮތުގައި މި އެޕްލިކޭޝަން ދާނީ އިތުރަށް ފުރިހަމަވަމުންނެވެ.