ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓާ ސުހެއިލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް މިރޭ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސުހެއިލް ވިދާޅުވީ އަންނަ މާޗު މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އަހަރެއްގެ ތެރޭގައި ތޮށިލުމާއިއެކު ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ.
"އަޅުގަނޑުމެން ރަވާފައިވާ ގޮތަށް މަސައްކަތް ކުރިޔަށްދާނަމަ ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް މާޗުމަހުގެ ނިޔަލަށް ނިންމާލެވޭނެ. އަދި ތޮށިލުމާއިއެކު ގާތްގަނޑަކަށް އެއް އަަހަަރު ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާލެވޭނެ،" ސުހެއިލް ވިދާޅުވި އެވެ.
މީގެ އިތުރުން ސުހެއިލް ވިދާޅުވީ ހުޅުމަލެ ތަރައްގީ ކުރަމުން އަންނައިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކަމަށެވެ. އެހެން ކަމުން ހުޅުމާލޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރާއި ގުޅޭ ވަކި ކުންފުންޏެއްގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެ ކުންފުނީގެ ސަބަބުން ދަތުރުތައް މިހާރަށްވުރެ ހަރުދަނާ ވެގެން ދާނެ ކަމަށާއި ހުޅުމާލެއާއި މާލެ ގުޅުވުމަށް ވެސް ސަރުކާރުން އިސްކަމެއްދޭ ކަމަށް ސުހެއިލް ވިދާޅުވި އެވެ.
"ހުޅުމާލޭގެ އެއްގަމާއި ކަނޑުދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކާ ވަކި ކުންފުންޏެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނި ކުރަމުން. މި އުފައްދާ ކުންފުނީގެ ސަބަބުން ފެރީގެ ދަތުރުތަކާއި އެއްގަމު ދަތުރުތައް މިހާރަށްވުރެ ހަރުދަނާ ވެގެން ދާނެ،"
ސުހެއިލް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތް ނިމުމާއިއެކު ބިން ތަރައްގީ ކުރުމުގެ މައްސަކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ސިނާއީ ބޭނުންތަކަށާއި އިގްތިސޯދީ ބޭނުންތަކަށާއި ބޯހިޔާވަހިކަމުގެ ބޭނުމަށް ބިން ދޫކުރެވޭނެ ކަމަށް ސުހެއިލް ވިދާޅުވު އެވެ.