ބޮލީވުޑް

"ބާޖީރާއޯ މަސްތާނީ" ކުޅެން ރަންވީރު އެންމެ ލާރިއެއް ވެސް ނުނަގާ

Nov 21, 2015

އަރަމުން އަންނަ ޒުވާން ތަރި ރަންވީރު ސިންގް، އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބާޖީރާއޯ މަސްތާނީ"ގެ މަސައްކަތް ނިންމާލެވުނީ އަހަރަކަށް ވުރެން ގިނަ ދުވަސްވީ ފަހުންނެވެ.

ރަންވީރި މިހާތަނަށް ކުޅުނު އެންމެ ބުރަ ފިލްމުގެ ގޮތުގައި އޭނާ ސިފަކުރާ މިފިލްމު ރިލީްޒްކުރާ ދުވަސް ބޯމަތި ވަމުން އަންނައިރު، ފިލްމުގެ އެކި އެކި ޕްރޮމޯޝަން މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން މިފިލްމުގެ ދެލަވައެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު، އިއްޔެ ވަނީ ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ.

ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ "ބާޖީރާއޯ މަސްތާނީ"ގައި ރަންވީރު ފެނިގެންދާނީ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްޅާ އާއެކު އެވެ.

މިހާރު އާންމުކޮށްފައިވާ ފިލްމުގެ ޓްރެއިލާއިން މިފިލްމަށް ތިން ލީޑްތަރިންވެސް ކޮށްފައިވާ ބުރަ މަސައްކަތް ފެނިގެންދެ އެވެ. އަދި ޓްރެއިލާ ހައިރާންވާހާ މޮޅު ކަމަށް ބުނެ، ތައުރީފު ވެސް އަންނަނީ އޮއްސަމުންނެވެ.

މިފިލްމަކީ ރަންވިރުގެ އެންމެ ބުރަ އަދި އެންމެ މަސައްކަތް ބޮޑު ފިލްމު ނަމަވެސް، މިފިލްމަށް ރަންވީރު އެންމެ ލާރިއެއް ވެސް ނަގާފައެއް ނުވެ އެވެ.

ފިލްމުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި، ރަންވީރު މިފިލްމު ކުޅެން އެންމެ ލާރީއެއް ވެސް ނަގާފައެއް ނުވެ އެވެ. ފިލްމު ކުޅުމަށް ފައިސާ ނެގުމުގެ ބަދަލުގައ ބޮލީވުޑްގެ އެހެން މަޝްހޫރު ތަރިންނެކޭ އެއްގޮތަކަށް ރަންވީރުވެސް އެއްބަސްވެފައިވަނީ ފިލްމަށް ލިބޭ ފައިދާއިން އޭނާއަށް ލާރި ލިބޭ ގޮތަށެވެ.

"ބާޖީރާއޯ މަސްތާނީ" އުފައްދާފައިވަނީ 130 ކްރޯޑް (1300 މިލިއަން) ރުޕީޒްގެ ބޮޑު ބަޖެޓަކުންނެވެ.

މަޝްހޫރު ތަރިންގެ ތެރޭގައި ޕްރޮފިޓް ޝެއަރިން މޮޑިއުލްގައި މަސައްކަތްކުރާ ތަރިންގެ ތެރޭގައ ޝާހްރުކް ޚާން، އާމިރް ޚާން، ސަލްމާން ޚާނާއި އަކްޝޭ ކުމާރުގެ އިތުރުން އަޖޭ ދޭވްގަނ ހިމެނެ އެވެ. ބަތަލުންގެ އިތުރުން މިފަހަކަށް އައިސް، ބަތަލާއިންގެ ތެރެއިން ދިޕިކާ ޕަދުކޯން އާއި އައިޝްވާރިޔާ ރާއީ ވެސް ވަނީ މިމޮޑިއުލްއަށް މަސައްކަތްކުރަން ފަށާފަ އެވެ.

އެގޮތުން އައިޝްވާރިޔާ ވެސް ވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅުނު ފުރަތަމަ ފިލްމު "ޖަޒްބާ" އަށް ވީ ފައިދާއިން އައިޝްވާރިޔާ އަށް ވަނީ 3 ކްރޯޑް (30 މިލިއަން) ރުޕީޒް ލިބިފަ އެވެ.

"ބާޖީރާއޯ މަސްތާނީ" އާއެކު ޝާހްރުކް ޚާނާއި ކާޖޮލްގެ "ދިލްވާލޭ" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދެފިލްމުގެ ތެރެއިން ކާމިޔާބު ލިބޭނީ ކޮންމެވެސް އެއް ފިލްމަކަށް ކަން ޔަގީނެވެ.

ޝާހްރުކް އާއި ކާޖޮލް އަށް ތާއީދުކުރާ އެތަކެއް މިލިއަން ފޭނުން ތިބި އިރު، ކާމިޔާބު ލިބޭނެ ކަމަށް މިހާރު ވެސް ބޮޑު ބަޔަކު ބުރަވަނީ "ދިލްވާލޭ" ކޮޅެށެވެ.

ދެފިލްމުގެ ބޮޑު ކުރިމަތިލުމަކަށްފަހު "ބާޖީރާއޯ މަސްތާނީ" އަށް ކާމިޔާބު ނުލިބިއްޖެނަމަ ހުރިހާ ގޮތަކުން ވެސް ރަންވީރަށް ބޮޑު ގެއްލުމެކެވެ.