އައްޑޫ ސިޓީގެ ފޭދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އައްޑޫ މޭޔަރު އަލީ ނިޒާރާ ހުތުރު ބަހުން މުއާމާލާތުކޮށް މޭޔަރުގެ އިސްތިއުފާ އަށް ގޮވާލައިފި އެވެ.
ފޭދޫ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު އިހްތިޖާޖަށް ނިކުތީ އެ ރަށު ހިއްކި ބިމުގައި ޖަހަން ގެންގޮސްފައި ހުރި ބޮޑު ހިލަތަކެއް އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑެމީގެ މަސައްކަތްތަކަށް ގެންދާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އިހްތިޖާޖު ކުރާ މީހުން ތުހުމަތު ކުރާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ބޮޑު ހިލަތައް ގެންދިއުމުގެ މަސައްކަތް ފެށީ މޭޔަރު އަލީ ނިޒާރު އަންގަވައިގެންނެވެ. އެހެންވެ ގެންދިޔަ ހިލަތައް އަނބުރާ އެ ސަރަހައްދަށް ގެނައުމަށް އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވެ އެވެ.
އިހްތިޖާޖު ކުރަމުން ދިޔަ މީހުން ރުޅިގަދަވެފައި ތިއްބާ މިއަދު ހަވީރު މޭޔަރު އަލީ ނިޒާރު ވަނީ އިހްތިޖާޖު ހިނގަމުން ދިޔަ ސަރަހައްދަށް ވަޑައިގެންފަ އެވެ. މޭޔަރު ނިޒާރާ އެކު އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ފޭދޫ މާދެލަ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު އިބްރާހިމް ފައިސަލް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
މޭޔަރު ނިޒާރު ވަނީ އިހްތިޖާޖު ކުރަމުން ދިޔަ މީހުންނާ ބައްދަލުކުރައްވާ ކަމުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްްވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ކުރީގެ ސަރުކާރާ ގުޅުވައިގެން މޭޔަރު ނިޒާރު ބައެއް ވާހަކަތައް ދައްކަވަން ފެއްޓެވުމުން އެމީހުން ވަނީ ނިޒާރުގެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ކަމަށް ބުނެ ހުތުރު ބަހުން މުއާމަލާތުކޮށް ނިޒާރުގެ އިސްތިއުފާ އަށް ގޮވާފަ އެވެ.
ބައެއް މީހުން ވަނީ ނިޒާރަށް ހަމަލާ ދިނުމަށްވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ސަރަހައްދުގައި އެވަގުތު ތިބި ފުލުހުން ވަނީ ނިޒާރަށް ހިމާޔަތާއި ރައްކާތެރިކަން ދީފަ އެވެ.
ނިޒާރުގެ ވާހަކަތައް އަޑުއަހަން ބޭނުން ނުވާ ކަމަށް ބުނެ އިހްތިޖާޖުގެ ބައިވެރިން އަޑުގަދަ ކުރަން ފެށުމުން ވަކިިހިސާބަކުން ނިޒާރު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ.