ފުވައްމުލައް

ފުވައްމުލަކުގައި ފެނާ ކަރަންޓު ކެނޑިފައި

ފުވައްމުލަކު ސިޓީން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ފުވައްމުލައްކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އަވަސް އަށް ވިދާޅުވީ ފެނާއި ކަރަންޓު ކެނޑިފައި ވަނީ ސިޓީގެ އާބާދީގެ 80 ޕަސެންޓް ގޭބިސީން ކަމަށެވެ. ފެނާއި ކަރަންޓު ކެނޑިފައި ވަނީ ރޭ ފަތިހުން ފެށިގެންނެވެ.

އިސްމާއިލް ވިދާޅުވީ މައްސަލަ ޖެހުނީ މައި ޓްރާންސްފޯމަރަށް ކަމަށާއި އެ ޓްރާންސްފޯމަރުގެ ބަދަލުގައި އައްޑޫ ސިޓީން ފޯމަރެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ޓްރާންސްފޯމަރަމެއްގައި ގާތްގަނޑަކަށް ނުވަ ޓަނު ހުންނައިރު އޭތި ގެންނަން މިޖެހޭނީ ބާޖެއްގައި. އެހެންކަމުން ރަށަށް ކަރަންޓު އަލުން ފޯރުކޮށްދެވޭނީ އެއް ދުވަސް ފަހުން ކަމަށް ބެލެވެނީ،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކުން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑިފައިވީ ނަމަވެސް ވަގުތީ ގޮތުން ވަގުތުކޮޅަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފެނަކައިން ދަނީ ކުރަމުންނެވެ. ދެ ގަޑިއިރެއްހާއިރު ތެރޭގައި ވަގުތީ ގޮތުން ފެން ދޫކުރެވޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނީ އެ ސިޓީ އަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 24 ގަޑިއިރަށް ވުރެ ގިނައިރު ހޭދަވެދާނެ ކަމަށެވެ.