އަންހެނުން

ސިއްހަތާ ގުޅޭ އެކަމަކު ކުރަން ނުކެރޭ ސުވާލާއި ޖަވާބު!

Nov 21, 2015
3

ޖިންސީ ގޮތުން ދިމާވާ ސިއްހީ މައްސަލަތަކުގެ ވާހަކަ އަކީ ދައްކަން އެހާ ފަސޭހަ ވާހަކަތަކަކަށް ނުވެ އެވެ. ވަކިން ހާއްސަކޮށް މިފަދަ މައްސަލައެއް ތަޖުރިބާކުރަން ޖެހިފައިވާ މީހެއް ނަމަ އެ މައްސަލައެއް ދެން ހުންނަ މީހާ އަށް ކިޔައިދޭނެ ގޮތަކާ މެދު ފިކުރުކުރަން ޖެހޭ މިންވަރު ރަނގަޅަށް އެނގޭނެ އެވެ.

ވަރަށް ގިނަ މީހުން ލަދުގަންނަނީ އެވެ. އާންމު މައުލޫމާތު ލިބިގަތުމަށް ވެސް ލަދުގަންނަނީ އެވެ. ލަދަކާއި ފަސް ޖެހުމާ ހުރެ ވަރަށް ނުރައްކާތެރި ޖިންސީ ސިއްހީ މައްސަލަތަކުގައި ވެސް ބައެއް އާންމުން ފަރުވާކުޑަކޮށްލައިގެން އުޅޭތަން ފެނެ އެވެ. އަދި އާދައިގެ މައްސަލަތަކަށް ވެސް ފަރުވާކުރަން ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމާވާ ފަހަރުތަކާ ވެސް ބައެއް މީހުން ބައްދަލުކުރަން ޖެހިފައި އެބަހުއްޓެވެ.

ޖިންސީ ސިއްހަތާ ގުޅޭ އެކަމަކު އާންމުކޮށް ކުރަން ނުކެރޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަށް ބަލައިލަމާ ހިނގާށެވެ.

ޖިންސީގޮތުން އަނިޔާ ލިބިފައި، އެކަމަކު ފަރުވާ ހޯދަން ފަސްޖެހޭ

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނަށެވެ. ކުޑައިރު މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ އަންހެން ކުދިންނެވެ. އެމީހުންގެ ވާހަކަ ދެ ވަނަ މީހަކަށް ކިޔައިދިނުމަކީ ނުވަތަ ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދަން ނުކުތުމަކީ ވަރަށް ގިނަ ފަހަރަށް ފަސްޖެހިފައި އޮންނަ ކަމެކެވެ.

ވާހަކަ ކިޔައިދޭން ޖެހޭ މީހާ ނުވަތަ ލިބިފައިވާ ގެއްލުން ދައްކަން ޖެހޭ މީހާ އަކީ ޑޮކްޓަރަކަށް ވިޔަސް މިފަދަ ހާލަތްތަކުގައި އަނިޔާލިބިފައި ހުންނަ އަންހެން މީހާ ޖެހެނީ ފަހަތަށެވެ. ބައެއް އަންހެނުންނަކީ ޑޮކްޓަރުންނާ ވެސް އެމީހުންގެ ވާހަކަ ހިއްސާކުރަން ލަދުގަންނަ ނުވަތަ ފަސްޖެހޭ މީހުންނެވެ.

ތަޖުރިބާކާރުން ބުނަނީ އެންމެ ބުއްދިވެރި ގޮތަކީ ފަސޭހައިން ވާހަކަ ހިއްސާކުރެވޭނެ ނުވަތަ އެ ވާހަކައެއް އަޑުއަހާނެ މީހަކު ހޯދައިގެން ފަރުވާ ފެށުން ކަމަށެވެ. ސަބަބަކީ ޖިންސީ ގޮތުން އެފަދަ ގޮތަކަށް އަނިޔާ ލިބިފައިވާ ނަމަ ފަރުވާ ކޮންމެހެން ވެސް މަޖުބޫރުވާތީ އެވެ.

މިހެން ބުންޏަސް ކޮންމެ ކޮންމެ ޑޮކްޓަރަކަށް ދެއްކުމަކީ އެއްގޮތަކަށް ވެސް އަނިޔާ ލިބިފައިވާ އަންހެން މީހާ އަށް ފަސޭހަވާނެ ކަމެއް ނޫނެވެ. އެކަމަކު ބަލި މީހާ ނުވަތަ ފަރުވާ ބޭނުންވާ މީހާ އަށް އެނގެން ޖެހޭ ހަގީގަތަކީ އޭނާ އަށް ފަރުވާ ދެނީ ޕްރޮފެޝަނަލްއެއް ކަމާއި ލިބިފައިވާ އަނިޔާގެ މިންވަރާއި ހާލަތަށް ބަލައިގެން އެމީހަކަށް ފަރުވާ ކުރަން ޑޮކްޓަރަށް އެނގޭނެ ކަމެވެ.

ހުރިހާ އެސްޓީޑީއެއްގައި އަލާމާތް ފެނޭތަ؟

ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ބަލިތައް ނުވަތަ އެސްޓީޑީ ސަމާލުވާން ޖެހެނީ މި ސަބަބާ ހެދި އެވެ. ހުރިހާ އެސްޓީޑީ އަކީ އޭގެ އަލާމާތްތައް ބޭރުފުށަށް ފެންނަ ބަލިތަކެއް ނޫނެވެ. އެހެންވީމަ ޖިންސީ ގުޅުމުގެ އެއްވެސް ވައްތަރެއް އޭގެ ފުރިހަމަ ރައްކާތެރިކަމާ ނުލައި ހިންގުމަށް ފަހު ޓެސްޓް ކުރުމަކީ އެސްޓީޑީން ސަލާމަތްވުމަށް އެޅޭނެ އެންމެ ބުއްދިވެރި ފިޔަވަޅެވެ.

ހަނދާނުގައި ބަހައްޓަން ޖެހެނީ، އެސްޓީޑީއެއް އަލާމާތެއް ނުފެނުނަސް އަދި އޭގެ ސަބަބުން ހަށިގަނޑަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވިޔަސް ފަރުވާ ހޯދައި އެކަމެއް ރަނގަޅުކުރުމަކީ ސިއްހަތަށް އެންމެ ރަނގަޅުގޮތް ކަމެވެ.

ދަރިންނަށް ކިޔައިދޭން ޖެހޭ ވާހަކަތަކެއް ހުރޭތަ؟

ދަރިންނާއި އެ މީހުންގެ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވާން ޖެހޭނީ ހުރިހާ ވާހަކައެއް ވެސް ހިއްސާކުރެވޭ ފެންވަރުގެ ގުޅުމަކަށެވެ. ނަމަވެސް ބައެއް ބެލެނިވެރިންނަކީ އެމީހުންގެ ދަރިންނާ ވަކި ވާހަކަތަކެއް ހިއްސާކުރަން ފަސްޖެހޭ ނުވަތަ ލަދުގަންނަ ނުވަތަ އެ ވާހަކައެއް ދަރިފުޅާ ހިއްސާކުރަން ބޭނުން ނުވާ މީހުންނެވެ.

އެހެން ނަމަވެސް ދަރިފުޅުގެ އުމުރުން ވަކި ހިސާބަކަށް ގޮސް ސިއްހީ ގޮތުންނާއި ޖިންސީ ގޮތުން އޭނާ އަށް މައްސަލަތައް ދިމާވާން ނުފަށަނީސް މި މައްސަލަތަކުގެ ވާހަކަތައް ކުއްޖާ އަށް ފަހުމްވާނޭ އިބާރާތްތަކަކުން ކިޔައިދިނުމަކީ ބުއްދިވެރި ކަމެވެ. އަދި މިއީ ޖިންސީ ގޮތުން ދިމާވެދާނެ މައްސަލައަކުން ނުވަތަ ޖިންސީ ގޯނާއެއް ދަރިފުޅަށް ކުރަން ވިސްނައިގެން ހުންނަ މީހެއްގެ ފަރާތުން ވެސް ދަރިފުޅު ސަލާމަތްކުރަން އެޅިދާނެ ފިޔަވަޅެކެވެ.

އެހެން ނަމަވެސް ކުދިންނަށް މިފަދަ ވާހަކަތައް ކިޔައިދޭއިރު އޭގެ ޓޯން ހިފަހައްޓަން ޖެހޭނެ އެވެ.

ދަރިން ހޯދަން ބޭނުން ނުވާ ނަމަ އެކަމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ކޮބާ؟

ބާތު ކޮންޓްރޯލް މެތަޑްސް ނުވަތަ ދަރިން ނުލިބޭނެ ގޮތް ހެދުމަށް އަންހެނަކު ވިސްނާ ނަމަ އެންމެ ރައްކާތެރި އަދި އެންމެ ފަސޭހަ ގޮތަކީ ސްޓެރިލައިޒޭޝަން އެވެ. އެކަމަކު މިއީ ދާއިމީ ހައްލެކެވެ. އައިޔޫޑީސް އާއި އިމްޕްލާންޓްސް އާއެކު ބަނޑުބޮޑުވުމުގެ ފުރުސަތު އޮންނަނީ އެއް ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ.

މިއަށް ފަހު ދެން އެންމެ ރައްކާތެރީ ޑެޕޯ ޝޮޓް ނުވަތަ އިންޖެކްޝަން އެވެ. އެއަށް ފަހު ޕެޗު ވެސް ލެއްވިދާނެ އެވެ. އަދި ބޭސް ވެސް ނެގިދާނެ އެވެ.

ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނީ މިއިން އެއްވެސް ކަމަކީ އެސްޓީޑީ އިން ސަލާމަތްވެދާނެ ކަންކަމެއް ނޫން ކަމެވެ. ކުދިން ނުލިބޭ ގޮތަށް ހަދާފައި ހުއްޓަސް އެސްޓީޑީ އަށް ސަމާލުވާން ޖެހޭނެ އެވެ.

އޮޕަރޭޝަންކޮށް އެބޯޓްކުރުމަކީ ކޮން ކަހަލަ ނަތީޖާއެއް ނުކުމެދާނެ ކަމެއް؟

ސާޖިކަލް އެބޯޝަން ނުވަތަ އޮޕަރޭޝަނެއްކޮށް ބަނޑުގައި އޮންނަ ދަރިފުޅު ނުވަތަ ފީޓަސް ބޭރުކޮށްލުމަކީ ތަޖުރިބާކާރުންގެ ނަޒަރުގައި އޭގެ އެ މަރުހަލާގެ ކަމެއް ގޯސްނުވާހާ ހިނދަކު އޭގެ ސިއްހީ ސައިޑް އިފެކްޓްސްތަކެއް އަންހެން މީހާ އަށް ކުރާނެ ކަމެއް ނޫނެވެ. އަދި ދިގު މުއްދަތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތެއް ވެސް ނެތެވެ.

ކުރިމަތީފަރާތުން ނުބައި ވަސް ދުވުމަކީ މައްސަލައެއްތަ؟

ކޮންމެ މީހަކީ އެމީހެއްގެ ގައިން ތަފާތު ވަސްވަސް އުފައްދާ އިންސާނެކެވެ. އެކި މީހުންގެ ގައިން އެކި ވައްތަރުގެ ވަސް ދުވުމަކީ އާންމު ކަމެކެވެ. މިފަދަ ވަސްވަހަކީ އާދައިގެ ވަހެއްތޯ ނުވަތަ އާދައިގެ މައްސަލައެއްތޯ ބެލުމަށް ޖެހޭނީ ޓެސްޓް ކުރާށެވެ.

އަންހެނަކަށް ބަލާ ނަމަ ޕީރިއަޑްވެފައި ހުންނަ ދުވަސްވަރު އެމީހެއްގެ ކުރިމަތީފަރާތުގެ ވަސް އެހެން ދުވަސްތަކާ ހިލާފު ވެދާނެ އެވެ. މިއީ އާދައިގެ ކަމެކެވެ. އެހެން ނަމަވެސް ކޮންމެވެސް މައްސަލައެއް އުޅޭހެން ހިވާ ނަމަ، ހިތް ބިރުގަންނަނަ ނަމަ ނުވަތަ ނުބައި ވަސްގަނޑެއް އަރާތީ އެކަމާ ކަންބޮޑުވާ ނަމަ ތަޖުރިބާކާރެއްގެ އެހީ ހޯދުމަކީ އެންމެ މޮޅު ގޮތެކެވެ.

އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހެނީ، ކިތަންމެ ނުބައި ވަހެއް ދުވިޔަސް، ހިނގާލާފައި ދާއިރު އެއްވެސް މީހަކަށް އެ ވަހެއް ނުދުވާނެ ކަމެވެ.

ވަޖައިނަލް ޑިސްޗާޖާ މެދު ކަންބޮޑުވާން ޖެހޭތަ؟

އަންހެން މީހާގެ ކުރިމަތީ ފަރާތުން ހުދުކުލައިގެ ދިޔާ އޮލަ ފޭބުމަކީ ސިއްހީ ގޮތުން ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނޫނެވެ. އެއީ ހަށިގަނޑާ ނުގުޅޭ ނުވަތަ ނުބައްދަލު ކަމަކުން ސަލާމަތްވެގަތުމަށް ވަޖައިނާ އިން އުފައްދައި ބޭރުކޮށްލާ އެއްޗެހިތަކެކެވެ. މިސާލަކަށް އަނގައިންނާއި ނޭފަތުން ވެސް ކަންކުރާ ގޮތެވެ.

އެހެން ނަމަވެސް މިގޮތަށް ބޭރުވާ ޑިސްޗާޖުގައި ރީނދޫ ކުލަ، ރަތްކުލަ، ފެހި ކުލައެއް ނުވަތަ ނުބައި ވަހެއް ހުރެއްޖެ ނަމަ އެއީ އިތުރަށް ސަމާލުވާން ޖެހޭނެ ކަމެކެވެ. އޭރުން ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދީމަ ރަނގަޅުވާނެ އެވެ.