ހަބަރު

އެކަޑަމީ އިން ބުންޏަސް "ފައްސަތޭކަ" ބަދަލެއް ނުކުރާނަން: ގަވަނަރު

Nov 21, 2015
17

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފު ކުރި ދިވެހި ފައިސާގެ އާ ނޫޓް ސީރީސް، ރަންދިހަ ފަހެއްގެ 500 ގެ ނޫޓްގައި ތާނައިން ލިޔެފައިވާ "ފައްސަތޭކަ"، "ފަސް ސަތޭކަ"އަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމްއެމްއޭގެ ގަވަނަރު ޑރ. އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުން 500 ލިޔާއިރު "އ" ސުކުން ޖެހުމަކީ ކުށްގޮތެއް ކަމަށާއި ލިޔަން ޖެހޭނީ، "ސ" ސުކުން ޖަހައިގެން، "ފަސްސަތޭކަ" ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ވަނީ ބުނެފަ އެވެ. އެ ކަމާ ގުޅިގެން އެ އެކަޑަމީ އިން ވަނީ ބަހުގެ ހަމަތަކާއި ގަވާއިދު އަދި އުސޫލުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައިފަ އެވެ.

އެކަޑަމީގެ ނިންމުމަށް އެމްއެމްއޭ އިން އިހުތިރާމްކޮށް އަމަލު ކުރާނަންތޯ "އަވަސް" އިން މިއަދު ސުވާލުކުރުމުން އަޒީމާ ވިދާޅުވީ އާ ނޫޓްގައި 500 ތާނައިން ލިޔެފައިވާ ގޮތަކީ ދިވެހި ބަހުގައި މީގެ ކުރިން ބޭނުން ކޮށްފައިވާ ގޮތެއް ކަމަށާއި އެއީ އެމްއެމްއޭ އިން އަލަށް ހަދައިގެން އުޅޭ ގޮތެއް ނޫން ކަމަށެވެ. ނިންމުން ދިފާއު ކުރައްވަމުން ގަވަރުނަރު ވިދާޅުވީ ދިވެހި ބަހަށް އިސްކަންދޭ ގާނޫނުގައި ވެސް ދިވެހި ބަހުން 500 ލިޔެފައި އޮތީ "އ" ސުކުން ޖަހައިގެނެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިސާގެ މުއާމަލާތްތަކުގައި މުހިންމު ވަނީ ނޫޓްގައި ހިސާބު އަކުރުން ލިޔެފައި އޮންނަ އަދަދެވެ. އެހެން ވީމާ، "އ" ސުކުނެއް އޮތުމަކުން މުއާމަލާތްތައް ކުރުމުގައި ބުރުލެއް ނާރާނެ އެވެ.

"މީގައި މުހިންމީ ނޫޓުގައި ހިސާބުން އަކުރުން ލިޔެފަ އޮންނަ ގޮތް. އަލިފް ސުކުނާއި ދޭތެރޭގައި ބަހުގެ އެކަޑަމީ އިން އެވިދާޅުވާ މައްސަލަ އަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިހްތިރާމް ކުރަން. އެހެން ނަމަވެސް އެއީ ދެގޮތަށް ލިޔެވޭ ބަހެއް ކަމުގައި ވާތީ އެހެން ލިޔެފައިވަނީ،" އަޒީމާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް ގެ ގަވަނަރު ވިދާޅުވީ ނޫޓު ތައާރަފް ކުރުމުގެ ކުރިން އެކަމުގައި ވަރަށް ގިނަ ބައެއްގެ ލަފާޔާއި އިރުޝާދު ހޯދި ކަމަށެވެ. އެހެން ނަމަވެސް ބަހުގެ އެކަޑަމީގެ ލަފާ ހޯދާފައެއް ނުވެ އެވެ. ގަވަރުނަރު ވިދާޅުވީ މިފަހަރުގެ ތަޖުރިބާއަށް ބަލައި ކުރިޔަށް އޮތްތަނުގައި އެއްވެސް އެއްޗެއް ނެރޭ އިރު ދިވެހި ބަހުގެ އެކަޑަމީގެ މަޝްވަރާ އާއި ރުހުން ހޯދާނެ ކަމަށެވެ.

އާ ނޫޓް ސީރީސްގައި ދިވެހި ބަހަށް އިސްކަންދީފައި ހުންނާނެ ކަން ފާހަގަ ކުރައްވަމުން އަޒީމާ ވިދާޅުވީ ކުރީގެ ނޫޓުތަކުގައި މޯލްޑިވްސް ހުރި ތަންތަނުގައި ހުންނާނީ "ދިވެހިރާއްޖެ" ޖަހާފައި ކަމަށެވެ. އަދި ސީރިއަލް ނަމްބަރު ވެސް ތާނަ އަކުރުން ޖަހާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަޒީމާ ވިދާޅުވީ އާ ނޫޓްތަކަކީ މިހާރު ބޭނުން ކުރާ ނޫޓްތަކަށް ވުރެ، ރަނގަޅު ކޮލިޓީއެއްގައި ގިނަ ދުވަސްތަކަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ޒަމާނީ ނޫޓްތަކެކެވެ. އަދި މި ނޫޓްތަކުން ކުރާނެ ފައިދާއަށް ވުރެ ބޮޑަށް އޭގައި ހުންނަ އުނިކަމެއް ހޯދައިގެން އެކަން ބޮޑު ކުރުމަކީ ރަނގަޅު ގޮޔެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބުރަކޮށް ކޮށްފައިވާ މަސައްކަތެއް. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ކްރެޑިޓް އެއް ހޯދާކަށް ނޫން. މީގެ ބޭނުމަކީ ޒަމާނީ ފެންވަރުގެ ރައްކާތެރި ނޫޓުތަކެއް ރައްޔިތުންނަށް ނެރިދިނުން. މީގެ ފައިދާ މުޅި ރާއްޖެއަށް ހޯދައިދިނުން،" އަޒީމާ ވިދާޅުވި އެވެ.

ރަންދިހަ ފަހެއްގެ ނޫޓްތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެމްއެމްއޭ އިން މިހާރު އަންނަނީ މާލޭގައި ރޯޑްޝޯތަކެއް ބާއްވަމުންނެވެ.