ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ސަރުކާރު މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރަން ހެލްތް ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ވަނީ އޮފީސްތަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެދި، ސާކިއުލާއެއް މިއަދު ފޮނުވާފަ އެވެ.

ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް ވެކްސިންދީ ފުރިހަމަ ކުރުމުގެ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ޑޯޒް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައި ހުރިހާ ފަރާތްތަކުންވެސް ވެކްސިން ޖެހުމަށް ވެސް އެދިފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވެ ތިބުމަށާއި ނުރައްކާތެރިކަން ކުޑަކުރުމަށް ވެކްސިންގެ މުހިއްމު ކަންވެސް ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިން ފުރިހަމަ ކުރާ މުވައްޒަފުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމަށް ވެސް މިހާރު ވަނީ މަޝްވަރާ ފަށާފަ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ ހަފްތާގައި ފަށާއިރު ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ސްކޫލްތަކަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 268،244 އަށް އަރާފަ އެވެ. މިއީ އާބާދީގެ 50 ޕަސެންޓަށްވުރެ ގިނަ މީހުނެވެ. ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ހަތަރު ވައްތަރެއްގެ ވެކްސިނެއް މިހާރު ޖަހަމުން އެބަ ދެއެވެ. ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް އެވެ. ދެން ޗައިނާގެ ސިނަޕޯމް އެވެ. މިހާރު ރާއްޖޭގައި ފައިޒާ އަދި އެކްސްޓްރަޒެނަކާ ވެކްސިން ވެސް އަންނަނީ ޖަހަމުން ނެވެ.