ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. ހާއްސަކޮށް މި ވިޔަފާރީގައި ތިބި ގެސްޓްހައުސް ތަކަށެވެ. ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން ގެސްޓްހައުސްތަކަށް 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ. ނަމަވެސް މި ދުވަސް ވަރަށް ބަލާނަމަ ގިނަ ގެސްޓްހައުސްތައް މިވަނީ ފުލްވުމާ ދިމާލަށް ޖަހާފަ އެވެ.
"މެދުއިރުމަތީގެ ގައުމުތަކުގެ ގްރީން ލިސްޓަށް ރާއްޖެ ލުމާއެކު އެ ހިސާބުގެ ގައުމުތަކުގެ އަރަބި މޫނުތައް ގެސްޓްހައުސް ތަކުން މިހާރު އެބަފެނޭ. އަރަބިންގެ އިތުރުން އިންޑިއާ މީހުންނާއި ޗެކް ރިޕަބްލިކް، ރަޝިއާ މީހުން ވެސް އެބަތިބި. މިހާރު އަރިއަތޮޅުގެ ގިނަ ގެސްޓްހައުސްތައް ގާތްގަނޑަކަށް ވަނީ ފުރިފަ. މިމަހު އަށެއްގައި ހުރިހާ ތަނެއް އެއްކޮށް ފުލް ވެގެންދާނެ،" ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުއް ސަމީއު އިމާދު އަވަސް އަށް ވިދާޅުވި އެވެ.
މިހާރު ގެސްޓްހައުސް ތަކަށް އެންމެ ޑިމާންޑް ބޮޑުކޮށް އުޅެނީ މާލެ އަތޮޅާއި އަރިއަތޮޅު އަދި ބ. އަތޮޅުންނެވެ. އަދި މި ނޫން ވެސް އެހެން އަތޮޅުތަކުގައި ހުރި ގެސްޓްހައުސްތައް ވަނީ ފުރެން ފަށާފަ އެވެ. މިގޮތުން ގެސްޓްހައުސް ވިޔަފާރި އަށް އެންމެ މަޝްހޫރު ގިނަ ރަށްތައް މިހާރު ވަނީ ގާތްގަނޑަކަށް އޯވަބުކް ވެފަ އެވެ. ގިނަ ގެސްޓްހައުސްތަކުގެ ރޫމްތަކުގައި ތިބީ އިންޑިއާ އާއި އަަރަބި ބައެއް ގައުމުތަކުގެ މީހުންނެވެ. އަދި އަލަށް އިތުރުވަމުން އަންނަނީ ޕާކިސްތާން ކަރަންޓީން ޓޫރިސްޓުންނެވެ. މީގެތެރެއިން ވެސް އެންމެ ގިނައީ ރާއްޖޭގައި ކޮވިޑުގެ ނަމްބަރުތައް މަދުވެ ގްރީން ލިސްޓަށް ލާފައި އޮތުމުން ދަތުރު ކުރާ މީހުންނާއި މެދުއިރުމައްޗަށް ކަރަންޓީންވާން ދާ އިންޑިއާ މީހުންނެވެ.
ބައެއް ރަށްރަށުން ކޮޓަރިއެއް ނުލިބޭ
އއ. ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރި ކުރާ ސެރިން ގެސްޓްހައުސްގެ ވެރިޔާ އަދި ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި އެ ރަށުގެ ގެސްޓްހައުސްތައް 100 ޕަސެންޓް ފުލްވެފައިވާ ކަމަށާ، މިހާރު ވެސް އަންނަ ޑިމާންޑް މަތިވުމުގެ ސަބަބުން ފޯނު ބާއްވަން ފުރުސަތު ނުލިބޭ ކަމަށެވެ.
"މިރަށް އެއްކޮށް މި އޮތީ ފުރިފަ. ގިނައިން މިތިބީ ރާއްޖެއަކީ މެދުއިރުމަތީގެ ގައުމުތަކަށް ގްރީން ލިސްޓުގައި އޮތް ގައުމަކަށްވާތީ އެ ގައުމުތަކަށް ދިއުމުގެ ކުރިން 14 ދުވަސް ފުރިހަމަ ކުރަން އައިސްތިބި މީހުން،" ކަރަމް ވިދާޅުވި އެވެ.
ކަރަމް ވިދާޅުވީ ތޮއްޑޫގައި ފުލްކޮށް ކަރަންޓީން ޓޫރިސްޓުން ތިބިއިރު އެ ރަށުގައި މިކަން ކުރަނީ ހާއްސަ ގައިޑްލައިނެއް ހަދައިގެން ކަމަށެވެ. ކަރަންޓީން ވާން އަންނަ މީހުން ވެސް ރާއްޖެ އަންނަނީ އާއްމު ޓޫރިސްޓުން ގޮތަށް ކަމަށާ ނަމަވެސް އެ މީހުން ޕަބްލިކް ތަންތަނުގައި ތިބުމަކީ މަނާ ކަމެއް ކަމަށެވެ.
"އެޗްޕީއޭ އިން ބުނާ ގައިޑްލައިނާ އެއްގޮތަށް ވެކްސިން ޖަހާފައި ވަނީ މިރަށުގައި. މި ރަަށަަށް އަންނަ މީހުން ބީޗް ބޭނުން ކުރަން ދާނަމަ ވެސް ގައިޑެއްގެ އެހީތެރިކަމާއެކު ދާ ގޮތަށް ހަމަޖައްސާފައި ވާނީ. މި އުސޫލުތަކަށް އަންނަ މީހުންގެ 99 ޕަސެންޓް ތަބާވޭ،" ކަރަމް ވިދާޅުވި އެވެ.
ހީނަރުވެފައިވާ ގެސްޓްހައުސްތަކަށް ރަނގަޅު އާމްދަނީއެއް
ކޮވިޑް-19ގެ ސަބަބުން އައި ހީނަރުކަމަށްފަހު ގެސްޓްހައުސްތަކުގެ ކޮޓަރިތައް ފުރުންވަނީ މި ވިޔަފާރިއަށް ލިބޭ ހިތްހަމަ ޖެހުމަކަށެވެ. މިހާރު "ކަރަންޓީން ޕެކޭޖު" ވިއްކާ އަގަށް ބަލާއިރު ޓޫރިޒަމްގެ މައި ސީޒަނާ ހަމައަށް މި ވިޔަފާރި ކުރިއަށް ގެންގޮސްފިނަމަ ގެސްޓްހައުސްތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ އެވެ.
ކަރަންޓީން ޕެކޭޖުތަކުގެ އަގު ފުރަތަމަ ހުރީ 14 ދުވަހަށް މީހަކަށް 500 ޑޮލަރު ވަރުގަ އެވެ. ނަމަވެސް މިހާރު 700 ޑޮލަރުން މަތިވަމުން ގޮސް 1000 ޑޮލަރު ވަރަށް ވަނީ އުފުލިފަ އެވެ. އަދި އަންނަ މަހުން ފެށިގެން ކަރަންޓީން ޕެކޭޖުގެ އަގުތައް 1400 ޑޮލަރު ވަރަށް އުފުލިގެންދާނެ ކަމަށް މި ވިޔަފާރި ކުރާ ފަރާތްތަކުން ދެކެ އެވެ.
ޑޮލަރު ލިބުނަސް ވަރަށް ސަމާލުވާން ޖެހޭ
ގޭމްގެ ޕީއާރު އެންޑް މާކެޓިން މުހައްމަދު ޔާމީން ވިދާޅުވީ މި ފުރުސަތަކީ ގެސްޓްހައުސްތަކަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ނަމަވެސް މިކަމުގައި އެޗްޕީއޭ އިން އާއި ހެލްތު ދާއިރާ އިން ބުނާ އުސޫލުތަކަށް ބަރާބަރަށް އަމަލުކުރުން މުހިންމެވެ. މި ވިޔަފާރި ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިދާގޮތަށް ކުރިއަށް ގޮސްފިނަމަ މަހެއްހާ ދުވަހުން ވިޔަފާރިން ބައި މިލިއަން ނޫނީ އެއް މިލިއަން ރުފިޔާ ސާފު ފައިދާ އަށް ގެސްޓްހައުސް އަކަށް ލިބޭނެ. މިއީ ވަރަށް ބޮޑު އާމްދަނީއެއް،" ޔާމީން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ ޑެއިލީ އެރައިވަލްސް އުޅެނީ 4000 އިން މަތީގަ އެވެ. އިއްޔެ ނޫން ކުރީ ދުވަހު 5،000 މީހުން ރާއްޖެ އައިސްފައިވެ އެވެ. މި މީހުންގެ ބޮޑު ބަޔަކީ މެދުއިރުމައްޗަށްދާ ދެކުނު އޭޝިއާގެ މީހުންނެވެ. މީގެތޭގައި އިންޑިއާގެ ގިނަ ބަޔަކު ވެސް ހިމެނެ އެވެ.
އއ. އުކުޅަހު ގެސްޓްހައުސް އަކުން ވާހަކަ ދެއްކި ވެރިއަކު ބުނި ގޮތުގައި މިހާރު އަންނަ މީހުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 90 ޑޮލަރާއި 100 ޑޮލަރު ވަރު ހޭދަ ކުރާނެ ކަމަށެވެ.
"މިއީ މިހާލަތަށް ބަލާއިރު ވަރަށް ރަނގަޅު އާމްދަނީއެއް. މިހާރު މި ގޮތަށް އިތުރު ސްޓްރެއިންއެއް ނައިސް ގޮސްފިނަމަ ރަނގަޅު އާމްދަނީއެއް ގެސްޓްހައުސްތަކަށް ލިބޭނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ގިނަ ގެސްޓްހައުސްތައް ދަރަނިވެރިވެފައިވާ މިވަގުތު މިމާކެޓު ލިބުން ވަނީ ލިބޭ ބޮޑު އުފަލަށެވެ. އަދި ކޮވިޑުގެ ހާލަތާއެކު މި ވިޔަފާރިން ނުކުތް މީހުންނަށް އަލުން މި ވިޔަފާރީގެ ތެރެއަށް ނުކުންނަން ލިބޭ ރަނުގެ ފުރުސަތަކަށެވެ. ނަމަވެސް މިކަން ކުރިއަށް ގެންދެވޭނީ ބަލިވުން ހިފެހެއްޓޭ މިންވަރަކުންނެވެ. އެހެންވެ މިކަމަށް ސަމާލުވުމަކީ ބުއްދިވެރި ކަމެކެވެ.