އެމެރިކާގެ މައިނޭގައި ދިރިއުޅޭ ވާޖީނިއާ އޮލިވާ އަކީ އެ ގައުމުގައި ވެސް މި ވަގުތުހުރި ލޮބްސްޓާގެ ވިޔަފާރިކުރާ އެންމެ ދުވަސްވީ އަންހެނާ އެވެ. އެމެރިކާގެ 'ލޮބްސްޓާ ލޭޑީ'ގެ ނަމުން މަޝްހޫރުވެފައިވާ ވާޖީނިއާގެ އުމުރުން މިހާރު 101 އަހަރެވެ. ނަމަވެސް އަދިވެސް އޭނާ ދަނީ އެ މަސައްކަތުގައި އަވަދިނެތި އުޅެމުންނެވެ. މި އުމުރުގެ އެހެން ގިނަ މީހުން ދުވަސްވީ މީހުންނަށް ޚާއްސަ ގެތަކުގައި ނުވަތަ އަމިއްލަ ގޭގައި އުޅުނަސް އަމިއްލަ ހާލައިގެން ވެސް ނޫޅެވޭވަރު ވެފައިވާއިރު ވާޖީނިއާ އަކީ އަދިވެސް ބުރަ މަސައްކަތުގައި އުޅެމުންދާ އަންހެނެކެވެ.
ވާޖީނިއާ ބުނާ ގޮތުގައި އޭނާއަކީ މުޅި ދުނިޔޭގައި ވެސް މިހާރު ހުރި ލޮބްސްޓާގެ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވާ އެންމެ ދުވަސްވީ އަންހެނާ އެވެ.
އެމެރިކާގެ އުތުރުގެ ކަނޑުގެ ސަރަހައްދުގައި ވާޖީނިއާ އޭނާގެ ބޯޓުގައި މިހާރުވެސް ދަތުރުކޮށް ލޮބްސްޓާ ނެގުމުގެ މަސައްކަތް ކުރެ އެވެ. އުމުރުން އެންމެ ހަތް އަހަރުއްސުރެ އޭނާ ކުރަމުންދާ މި މަސައްކަތަށް އޭނާ ވަރަށް ފަރިތަ އެވެ. ލޮބްސްޓާ ނެގުމާއެކު އޭގައި ރަބަރު ބޭންޑް އަޅުވާލަން އޭނާގެ އަތް އެހާ ފަރިތައީ ގަރުނަކާ ކައިރި ދުވަސް ތަކަކަށް އޭނާ ކޮށްފައިވާ މި މަސައްކަތުގެ ތަޖުރިބާގެ ސަބަބުންނެވެ.
ވާޖީނިއާ އޭނާގެ ބޯޓުގައި ރޮކްލެންޑް ސިޓީގެ ބޭރުގައި އޮންނަ ކަނޑުގެ ސަރަހައްދަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ނުކުމެ އެވެ. އޭނާއާއެކު ބޯޓުގައި ދެން މަސައްކަތްކުރަނީ އޭނާގެ 78 އަހަރުވީ ފިރިހެން ދަރި މެކްސް އެވެ.
ވާޖީނިއާ ބުނި ގޮތުގައި މަރުވަންދެން ވެސް މި މަސައްކަތުގައި މި ގޮތުގައި ދެމި ހުންނަން އޭނާ ވަނީ އަޒުމު ކަނޑައަޅާފަ އެވެ.
"މީހުން ބުނާނެ ކީއްކުރަންހޭ މިހާރު ދެން ތި މަސައްކަތް ކުރަނީ. އަހަރެން މި މަސައްކަތްކުރަނީ އަހަރެން އެކަންކުރަން ބޭނުންވާތީ. އަހަރެންގެ އަމިއްލަ ބޮސް އަށް ވެވޭވަރަށް އަހަރެންގެ އުމުރުން ދުވަސްވެއްޖެ،" ވާޖީނިއާ ބުންޏެވެ.
ވާޖީނިއާ އޮލިވާ އަކީ އޭނާގެ އަސްލު ނަން ނަމަވެސް ރައްޓެހިންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ގިނީގެ ނަމުންނެވެ. އަދި ބައެއް މީހުން އޭނާއަށް ލޮބްސްޓާ ލޭޑީ އޭ ވެސް ގޮވަ އެވެ.
ވާޖީނިއާ އުފަންވީ 1920 ވަނަ އަހަރު އެވެ. އޭރުއްސުރެ މިހާތަނަށް 101 އަހަރު އޭނާ ހޭދަކުރީ ރޮކްލެންޑްގަ އެވެ. އެހެން އެއްވެސް ތަނަކަށް އެއްވެސް ގައުމަކަށް އޭނާ ނުދެ އެވެ. މިހުރިހާ ދުވަހު އޭނާ ދިރިއުޅުނީ އެއް ގެއެއްގަ އެވެ. ބޯޓަށް ގޮސް އައިސް އުޅެނީ ހަމަ އެއް މަގަކުންނެވެ.
މައިނޭ ލޮބްސްޓާމެން އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑޭވިޑް ކައުޒިންސް ބުނި ގޮތުގައި ގިނީ ވަރުގެ އަންހެނެއް ދުވަހަކުވެސް އޭނާ ނުދެކެ އެވެ. ހެނދުނު ފަތިހާ އޭނާ ބޯޓު ކައިރިއަށް ގޮސް މަސައްކަތް ފަށާ ކަމަށް ޑޭވިޑް ބުންޏެވެ.
"ފަތިސް ނުވަނީސް 3:30 ހާއިރު ގިނީ ހޭލާނެ. އަދި ފަތިހު 5.00ހާއިރު ބޯޓު ކައިރިއަށް ދާން ދަތުރުފަށާނެ. އޭނާ ދާނީ ޕިކަޕް ޓްރަކް އަމިއްލައަށް ދުއްވާފައި. ނޫނީ ދަރިފުޅުގެ ވެހިކަލްގައި. މަންމަ އާއި ދަރިފުޅު ގޮސް އެންމެ ފުރަތަމަ އެރޭނީ ކުޑަކުޑަ ޑިންގީ އަކަށް. އެ ޑިންގީގައި ދާނީ އެމީހުންގެ ބޯޓަށް،" ޑޭވިޑް ބުންޏެވެ.
މެކްސް އާއި ގިނީގެ މަސައްކަތް ކުރިއަށް އޮތް ތާނގައި ވެސް މިހާރު ކުރާ ގޮތަށް ކުރިއަށް ގެންދަން އެ ދެ މައިން ބޭނުންވެ އެވެ. ގިނީ ބުނަނީ މަސައްކަތް ކުރުން ހުއްޓާލައިފިނަމަ ފުރޮޅުލީގޮނޑީގައި އިންނަން ޖެހިދާނެ ކަމަށެވެ. ވީމާ އޭނާއަށް ކިރިޔާ ވެސް ކެރެންޏާ މި މަސައްކަތް ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ.