"ޔޭ ހޭ މުހައްބަތޭން"ގައި އިޝީތާގެ ރޯލު އަދާކުރި ދިވްޔަންކާ ޓްރިޕާތީ ދާދިފަހުން ވަނީ ބާލާޖީ ޓެލެފިލްމްސް އިން އިން ޝޫޓްކުރަން ފަށާ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ދެ ވަނަ ސީޒަންގެ ލީޑް ރޯލު ކުޅެން ނޫނެކޭ ބުނެފަ އެވެ. "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ފުރަތަމަ ސީޒަންގައި ރާމް ކަޕޫރާއި ޝާކްސީ ތާންވަރު ވަނީ ވަރަށް މޮޅު އެކްޓިން އެއް ދައްކައި ބެލުންތެރިންގެ ހިތްތައް އަތުލާފަ އެވެ. އަދި މި ސިލްސިލާގެ ދެވަނަ ސީޒަން އަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދެ އެވެ.
މިހާ ކާމިޔާބު އަދި މަގްބޫލު ސީރީޒް އެއްގެ ބަތަލާގެ ރޯލު ލިބުމުން ދިވްޔަންކާ އެ ރޯލު ކުޅެން ބޭނުން ނުވި ސަބަބު އޭނާ ކިޔައިދިނެވެ. ދިވްޔަންކާ ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާ އެ ރޯލު ގަބޫލު ނުކުރީ އެ ސިލްސިލާގެ ބަތަލަކީ ނަކުލް މެހެތާ އަށް ވާތީ އެވެ. ނަކުލް އާއި އޭނާގެ ޖޯޑު ގުޅޭ ޖޯޑަކަށް ވެދާނެ ކަމަކަށް ދިވްޔަންކާ އަކަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާއަށް ހީވަނީ ނަކުލް އޭނާއަށް ވުރެ މާޅަކަމަށް ދައްކާ ހެންނެވެ.
"އަހަރެންނަށް 'ބަޅޭ އައްޗޭ ލަގްތޭ ހޭ 2' ކުޅުމުގެ ފުރުސަތު ލިބުނު. އަދި ޓެސްޓް އޮޑިޝަނެއް ވެސް ދިނިން. ފަހުން ޚިޔާލު ބަދަލުވީ. އަހަންނަށް ހީވަނީ ނަކުލް އާއި އަހަރެންގެ ޖޯޑު ނުގުޅޭނެހެން. ސްކްރީނުން އަހަރެމެން ދެ މީހުން ފެންނައިރު އަހަރެން ހީވާނީ މާ ހަރު މީހެއްހެން ކަމަށް ގަބޫލު ކުރެވިގެން އެ ރޯލަށް ނޫނެކޭ ބުނީ،" ދިވްޔަންކާ ބުންޏެވެ.
ދިވްޔަންކާ އިތުރަށް ބުނި ގޮތުގައި ޓީވީ އިންޑަސްޓްރީގައި އޭނާ މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ އެވެ. މިހާ ދުވަހު މަސައްކަތް ކުރުމުން ހިތްހަމަ ނުޖެހޭނަމަ އެވާހަކަ ބުނެ އެ ޕްރޮޖެކްޓެއް ދޫކޮށްލުމުގެ ހައްގު އޭނާއަށް އޮންނާނެ އެވެ.
"އަހަރެންނަށް ހީވަނީ އަހަންނަށް ވުރެ މާގުޅޭ ބަތަލާއިން އެ ޝޯ ކުޅެން ޝައުގުވެރިވާނެހެން. އެހެންވެ އަހަރެން ޝޯ ދޫކޮށްލީ،" ދިވްޔަންކާ ބުންޏެވެ.
ދިވްޔަންކާ ބައިވެރިވާ "ޚަތުރޯންކީ ކިލާޅީ"ގެ އާ ސީޒަނެއް މިހާރު ކަލާޒް ޗެނަލުން ދައްކަމުންދެ އެވެ. ރޯހިތު ޝެޓީ ހޯސްޓް ކުރާ މި ރިއަލިޓީ ޝޯގައި ދިވްޔަންކާގެ ކުޅަދާނަކަން އޭނާ ވަރަށް ފުރިހަމައަށް ދައްކައިދީފައިވެ އެވެ.