މިޝްކާގެ މަރު

މިޝްކާގެ މަރާ ގުޅޭ ލިޔުންތައް ފުލުހުންނާ ހިއްސާކޮށްފި

Aug 3, 2021
1

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް ފަރުވާ ދިނުމުގައި އިހްމާލުވުމާ ގުޅިގެން މަރުވި ފާތިމަތު މިޝްކާގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވި މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފި އެވެ.

އަވަަސް އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ ފުލުހުންނާ ހިއްސާ ކުރި މައުލޫމާތުގެ ތެރޭގައި މިޝްކާގެ މަރުގެ މައްސަލާގައި އެ މިނިސްޓްރީއަށް ފާހަގަކުރެވުނު ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިޝްކާގެ މަރުގެ މައްސަލާގައި އިހްމާލުވި މީހުންނާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ އިންކުއަރީއެއް ކުރިއަށް ގެންގޮސްފަ އެވެ. އިންކުއަރީ އަށް ފަހު އެކުލަވާލި ރިޕޯޓުގައި ވަނީ މިޝްކާގެ މަރުގެ މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުގެ މުވައްޒަފުންގެ އިހްމާލު އޮތް ކަން ފާހަގަކޮށްފަ އެވެ. އެކަމަކު އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅި ކަމަކަށް މިހާތަނަށް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ. ނަމަވެސް އިދާރީ ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅި ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މިޝްކާ މަރުވީ އަވަސް ފަރުވާ ލިބުން ވަރަށް ބޮޑަށް ލަސްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު ޖޫން އެއްވަނަ ދުވަހު ހާލަތު ގޯސްވުމާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށެވެ. ކުއްލިއަކަށް ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅުމުން ބަލައި ދިޔައީ ތިންގަޑި އިރެއްހާ އިރު ފަހުން ކަން ފާހަގަކޮށްފައިވެ އެވެ. އަދި ކޮވިޑާ ގުޅިގެން ގާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ބޮޑެތި އިހްމާލުތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ.

މިޝްކާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.