ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ) މިއަދު ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓި ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އިމިގްރޭޝަނުން ވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ ފެންމަތިވެފައި މިވަނީ މިއަދު މެންދުރުގެ ގަދަ ހޫނުގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި ޖާބިރު އެކަނި ހުންނަވައިގެން އިހްތިޖާޖެއް ކުރައްވާފައި ވަނިކޮށެވެ.
ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ފަހުން އެސަރަހައްދު ދޫކުރައްވާފަ އެވެ.
ޖާބިރު އެކަނި ހުންނަވައިގެން އިހްތިޖާޖު ކުރައްވަމުން ގެންދެވިއިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެ އެވެ. އިރުކޮޅަކު އިހްތިޖާޖު ކުރެއްވުމަށްފަހު ޖާބިރު ފަހުން ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ