އަބްދުﷲ ޖާބިރު

ޖާބިރުގެ ޕާސްޕޯޓް ދޫކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްފި އެވެ.

އިމިގްރޭޝަން އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ހިފަހައްޓާފައި އޮތް ޕާސްޕޯޓް ދޫކުރީ ކޯޓު އަމުރެއް ލިބުމުން ކަމަށެވެ. ޕާސްޕޯޓް ދޫކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ޖާބިރު މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި ޕާސްޕޯޓް ހިފެހެއްޓީ ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއްގައި "ކޯޓަށް އެރި އޮޅުމަކާ" ގުޅިގެންނެވެ.

ޕާސްޕޯޓް ދޫކުރުމާ އެކު ޖާބިރު މިއަދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މިދަތުރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ކުރައްވާނެ އެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހެއްޓިކަން މީޑިއާގެ ސަމާލުކަމަށް އައީ މަޖިލީހުގެ އިދާރާގެ ކައިރިއަށް މިދިޔަ އަންގާރަ ދުވަހު ވަޑައިގެން އަޑުގަދަކުރައްވައި، އެ އިދާރާގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އިހުތިޖާޖު ކުރައްވާފައި ވަނިކޮށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، މއ ކިނބިގަސްދޮށުގެ ކައިރިއަށް އިއްޔެ މެންދުރު ވަޑައިގެން އެތަނުގައި ހުންނަވާ ޖާބިރު ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ އެގެއާ ހަވާލުވެވަޑައިގަތުމަށެވެ.

ކިނބިގަސްދޮށުގެ އަށް ޖާބިރު ގެއްލުން ދިން ކަމަށް ބުނާ މައްސަލަ އެއް ވެސް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.