ކ. ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރައްސަވައިގެން އުޅުއްވާ އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޖާބިރު ވިދާޅުވީ އިންގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓެއް ކާށިދޫގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ކާށިދޫ ކަހަލަ ވަކިން އޮންނަ ރަށެއްގައި އެފަދަ މަޝްރޫއެއް ހިންގާއިރު އެއާޕޯޓެއް މުހިއްމު ކަމަށެވެ.
ޖާބިރަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އަޅަން އަދި ހަމަ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އެކަމަކު ކާށިދޫގައި އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓެއް ހިންގާނަމަ އެ ތަނުގައި އެއާޕޯޓެއް އަޅަންޖެހޭތޯ ނޫންތޯ ސުވާލުކޮޮށްލެވިދާނެ ކަމަށެވެ.
"އެތަނަށް އަންނަ ޑިވެލޮޕްމަންޓްއާ އެކު ކިހާ ވަރެއްގެ ޓްރެފިކެއް ކަމެއް އޮންނާނީ [ނޭނގޭ]. މާލެ އިން ފުރައިގެން ކާށިދޫ އަށް މަތިންދާ ބޯޓަކުންތޯ ދާނީ އެއާ ދޭތެރޭގައި އެ ވަރުގެ ވިސްނުމެއް ދެވިފައެއް ނެތް." އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ މިވަގުތަށް "ފީޒިބަލް" ކަމެއް ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ޝައުގުވެރިވާތީ ކާށިދޫ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާ ޖާބިރު ވަނީ އޭނާގެ ޕްލޭން ހުށަހަޅުއްވާފަ އެވެ.
ޖާބިރުގެ ކެމްޕޭންގައި އޭނާ ވަނީ ކާށިދޫ އެއާޕޯޓު އޮންނާނެ ގޮތުގެ ޑިޒައިނެއްގެ ފޮޓޯތައް ދައްކާލާފަ އެވެ. ސަރުކާރުން ހުއްދަ ދީފި ނަމަ ޖާބިރު ޕްލޭން ކުރައްވާފައިވަނީ ކާށިދޫގައި 1،320 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއި 60 މީޓަރުގެ ޓެކްސީވޭ އަކާއި 45 މީޓަރުގެ އޭޕްރަން ހިމެނޭ އެއާޕޯޓެއް އެޅުމަށެވެ.