އަހުމަދު އުޝާމް

"ޖާބިރު ރަނގަޅެއް ނޫން، އެހީތެރިކަން ބޭނުންވޭ"

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހާލަތު ރަނގަޅު ނޫން ކަމަށާ އެނާއަށް އެހީތެރިކަން ބޭނުންވާ ކަަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގައި އެންމެ ތަފާތު މެންބަރަކީ ޖާބިރެވެ. ޖާބިރު މަޖިލީހަށް ވަޑައިގަންނަވާއިރު ގެންގުޅުއްވާ ޑްރެސްކޯޑާއި މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެވެ. ބައެއް ދުވަސް ދުވަހު ވަރަށް ހުތުރު ބަހުންވެސް ވާހަކަ ދައްކަވައެވެ. އަދި އެކި ބޭފުޅުންނަށް އަމާޒުކޮށް ވާހަކަ ދައްކަވާ އެ އޯޑިއޯތައްވެސް ޖާބިރު ގެންދެވީ އާންމު ކުރައްވަމުންނެވެ. ސިޔާސީ އެތައް ބޭފުޅުންނެއް އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އަދި ބައެއް ބޭފުޅުންގެ މައްސަލަތައް ފުލުހަށްވެސް ހުށައަޅާފައިވެއެވެ.

މަޖިލީސް ޗުއްޓީގައިވަނިކޮށް ޖާބިރު މިއަދު ވަނީ މަޖިލީސް ކުރާ ގޭގެ ގޭޓް ކައިރީގަައި އިހުތިޖާޖު ކުރައްވާފައެވެ. އޮށޯވެއޮންނަވައިގެން އަޑުގަދަ ކުރައްވާ ވާހަކަ ދެއްކެވިއެވެ. ބައެއް ފަހަރު އަތުގައި ގެންގުޅުއްވާ ފެންފުޅީން ބޮލަށް ފެންވެސް އަޅުއްވައެވެ. ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރުއާ ވާހަކަ ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ވަޑައިގެންނެވުމަށް ދެންނެވުމުން ދެކޮޅު ހައްދަވާ އަޑުގަދަ ކުރެއްވިއެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު ފޮޓޯތަކާއި ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އެކި މީހުން އެކި ޝުއޫރުތަކާއެކު ވީޑިއޯތަކާއި ފޮޓޯތައް ދަނީ ދައުރުކުރަމުންނެވެ.

ޖާބިރުގެ އިހުތިޖާޖާ ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ހަބަރާއެކު މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ ޖާބިރުގެ ވީޑިއޯތަކާއި ފޮޓޯތައް ވަައިރަލްކޮށް މަލާމަތާއި ފުރައްސާރަ ނުކުރެއްވުމަށް އެދިފައެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ނުދެއްވުމަށްވެސް އެދިފައިވެއެވެ.

ދެން ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރީން ޖާބިރުއާއެކު އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ޖާބިރުގެ ހާލަަތު ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ޖާބިރަށް އެހީތެރިކަން ބޭނުންވާ ކަމަށާ އެކަމުގައި އާއިލާއިން މަސައްކަތް ކުރައްވާނެ ކަަމަށް އުންމީދު ކުރައްވާ ކަަމަށެވެ. އަދި ޖާބިރަށް ދުޅަހެޔޮކަމާއި ޝިފާއަށް އެދިވަޑައިގެންނެވިއެވެ.

ޖާބިރުގެ އިހުތިޖާޖުގެ ވީޑިއޯ ވައިރަލްވެފައިވަނިކޮށް އޭނާގެ ޕާސްޕޯޓްވެސް މިއަދު ވަނީ ހިފަހައްޓާފައެވެ.