ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުރުހުން ފާޅު ކުރައްވައި ވައްކަމާއި ހިޔާނާތުގެ ތުހުމަތުތައް ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޖާބިރުގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނުހޮވުމުން އެކަމާ ކޯފާވެގެން ކަމަށް ރޮޒައިނާ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިންތިގާލީ އިންސާފުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރޮޒައިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. ޖާބިރު ތުހުމަތު ކުރައްވާ ގޮތުގައި ރޮޒައިނާ ވަނީ އެ ފައިސާ އިން ގެސްޓް ހައުސް އެއް ވެސް އަޅުއްވައިފަ އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އުފެއްދެވި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ރޮޒައިނާގެ މައްސަލަތައް ބެލުމަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ. އަދި ވިދާޅުވީ ރޮޒައިނާގެ މައްސަލަތައް ބެލެދެން އޭނާއަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ކަމާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ވެސް މާލިއްޔަތު ކޮމިޓީގެ މަގައްރިރު ކަމުގައި ހުރެވިގެން ނުވާނެ ކަމަށެވެ.
ޖާބިރު ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް "ވަގަށް" ގޮވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ތަހުގީގެއް ކުރާނެ އެއްވެސް ޖާގައެއް ވެސް ނެތް ކަމަށެވެ. އަދި ރޮޒައިނާގެ އެއްވެސް ގެސްޓް ހައުސްއެއް ނުހުންނާނެ ކަމަަށް ވެސް ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ސައި ކޮޓަރީގައި ހުންނަވަނިކޮށް އެއް ދުވަހު ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކަޓުވާލަން އުޅުއްވި ކަމަށް ވިދާޅުވެ ޖާބިރު ވަނީ އަޑުގަދަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ދިޔާނާ ހޮވި ވަޑައި ނުގަތީ ޖާބިރުގެ އަމަލުތައް ބަހައްޓަވާ ގޮތުން ކަމަށެވެ.
"އަޅުގަނޑު ދިޔާނާ ކަޓުވާލަން މަސައްކަތް ކުރީ ކަމަށް ސައި ކޮޓަރީގައި އަޅުގަނޑު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުކޮށް ހަޅޭއްލަވާފައި ގޮސް ތަޅުމުގައި އަޅުގަނޑުމެންނަށް ވަގަށް ގޮވުމަކުން ދިޔާނާ މަގާމަށް ނުލެވޭނެ. ދިޔާނާ ކަޓުވާލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން މީހުން ދިޔާނާއަށް ވޯޓު ލާން ބިރުގަތީ." ރޮޒައިނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހް ފޮނުއްވީ ދިޔާނާއާއި ޑްރަގް ކޯޓުގެ ގާޒީ ކަމުގައި އޭރު ހުންނެވި މަހާޒް އަލީ ޒާހިރުގެ ނަމެވެ. އޭގެ ތެރެއިން ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ޖާބިރު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އޭގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވޯޓު ނަގައިގެން ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން ރުހުން ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ތްރީ ލައިން ވިޕެއް ނެރުމަށް ފާސްކުރި އެވެ. އެ ކަމާ ހިތްހަމަނުޖެހިގެން އެ ދުވަހުގެ ޖަލްސާގައި ވެސް ޖާބިރު ވަނީ ނުރުހުން ފާޅު ކުރައްވައި އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.