ރައްޔިތުންގެ މަޖިލިސް

ޖާބިރު ފެށި ވާހަކަތައް ހޫނުވެ ބޮޑު ކޯޅުމަކަށް

Nov 12, 2019
13

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ޓެކްސް އިތުރު ކުރަން ހިމަނާފައިވުމާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅު ކުރެއްވުމާއެކު، ބަހުގެ ހަމަލާތަކާއެކު ބޮޑު ޒުވާބެއް ހިނގައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ޑީއާރްޕީގެ ލީޑަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައިފަ އެވެ.

ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި، ބަދަލުގެ ގޮތުގައި މި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ފައިސާގެ ބައެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ނަންގަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ ވައްކަން ކޮށްފައި ވެއެވެ.

"ޒީރޯ ޓޮލެރަންސް" ގެ ވާހަކަ ވިދާޅުވާން ރައީސް ސޯލިހް ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނަކީ ވައްކަން ކުރެއްވުމާއި މަކަރާ ހީލަތް ހެއްދެވުމާއި ވެރިކަން ފޭރިގަތުމުން "ޕީއެޗްޑީ" ހައްދަވާފައި ހުރި ބޭފުޅެއް ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. މަޖިލިހުގައި ތިއްބެވި މެމްބަރުންނަށް ރައީސް ރިޝްވަތު ދެއްވާފައިވާ ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

އަދި މުޅި ބަޖެޓު ސަރުކާރުން ހަދާފައިވަނީ ލިބެންނެތް ފައިސާއެއް އަންނާނެ ކަމަށް ޖަހައިގެން ކަމަށާއި، "ވަގުންތަކެއްގެ އަތަށް" ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން އިތުރު ޓެކްސްތައް ނަގައިގެން ފައިސާތަކެއް ދޭން އެއްބަސް ނުވެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، ޖާބިރަށް އިޝާރާތް ކުރައްވައި، މަޖިލީހުގައި "ޑޯޕް ޓެސްޓް" ކުރަން މިހާރު ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މިތަނަށް އައިސް، ފާޑުފާޑުގެ ގަރާރުތައް ހުށަހަޅައިގެން ރާއްޖެ އިން ރާ ވިއްކުން މަނާ ކުރަން އުޅުނު އިރު މިތަނަށް މިކަހަލަ މީހުން އައިސް ބޮއެގެން ތިބެ ވަނުން މަނާ ކުރަންވީ،" އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން ނާޝިޒު ވިދާޅުވި އެވެ.

"މަޖިލިހުގެ ކައިރީގައި ތިބެވޭ ވަރެއް ނޫން. ދުވާ ނުބައި، މުޑުދާރު ވަހުން!"

އަދި މިލިއަނުން ސަރުކާރަށް ޓެކްސްއާއި މުވައްޒަފުންނަށް މުސާރަ ނުދޭ މީހަކު ޓެކްސް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ބަލައި ނުގަނެވޭނެ ކަމަށްވެސް ނާޝިޒު ވަނީ ވިދާޅުވެފަ އެވެ.

"ލާރި ދައްކާފައި މިތަނުގައި ވާހަކަ ދައްކަބަލަ. ކިތައް މުވައްޒަފުންނަށްތޯ މުސާރަ ނުދީ ތިހުރީ؟ ވަގަށް އެހެން މީހުންނަށް ގޮވާ އިރު، މިއީ ކާކުތޯ މިތަނުގައި ވާހަކަ ދައްކަން،؟ ނާޝިޒު ވިދާޅުވި އެވެ.

ނާޝިޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ ރަލާ ބެހޭ ވާހަކަ ރޮޒެއިނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑޯޕް ޓެސްޓް ކުރަން ޖެހޭނީ ނާޝިޒު ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"އެ ވާހަކަ ދެއްކެވި މެމްބަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބަނގުރަލާއި އެއް ޖިންސުން ގުޅުން ހިންގުމާ ބެހޭ ކަންކަން،" ޖާބިރު ވިދާޅުވި އެވެ.

ޓެކްސްއާ ގުޅޭ ގޮތުން ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ނާޝިޒު އަނެއްކާ ވެސް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ޖާބިރުގެ ވާހަކަ ހުއްޓުވައިފަ އެވެ.

ޖާބިރަށް ރައްދު ދެއްވައި ނާޝިޒު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖާބިރު އެއްވެސް ޓެކުހެއް ދައްކަވާފައި ނުވާ ކަމަށެވެ. އެގޮތުން ޖާބިރާ ދިމާލަށް އަތް ދިއްކުރައްވައި ނާޝިޒު ވިދާޅުވީ ކުލީގެ ގޮތުގައި 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ދައުލަތަށް އޭނާ ދައްކަވަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި، އޭނާއަކީ އެންމެ ގިނަ އިން ފައިސާ ދައްކަވާ ބޭފުޅާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ވައްކަން ކޮށްގެން މަޖިލިހަށް އައިސް، ވައްކަން ކުރިއަރުވަން އެ ކޮމިޓީގައި ނީނދެވޭނެ އެބޭފުޅާ އަށް މާލިއްޔަތު ކޮމިޓީގައި،" މާލިއްޔަތު ކޮމެޓީގެ މުގަރިރު ނާޝިޒަށް އިޝާރާތްކޮށް ޖާބިރު ރައްދު ދެއްވި އެވެ.

ޖާބިރާއި ނާޝިޒާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރޭގައި ރޮޒެއިނާ ހިމެނިވަޑައިގަންނަވާ ކަމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ޖާބިރު ތުހުމަތު ކުރައްވާފައިވަނިކޮށެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި، ރޮޒެއިނާ ވިދާޅުވެފައިވަނީ ޖާބިރުގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.