ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ފަސް ކުންފުނީގެ ޖުމްލަ ދަރަނި 67 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
ދިވެހި ދައުލަތުގެ މާލިއްޔާގެ ހާމަކަންހުރި މިންވަރާ ބެހޭ ގޮތުން އައިއެމްއެފް އިން ނެރުނު އިވެލުއޭޝަން ރިޕޯޓެއްގައި ސަރުކާރު ކުންފުނިތައް ނުވަތަ ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ)ގެ މާލީ ހާލަތާ ބެހޭ ގޮތުން ބުނެފައިވަނީ ދިވެހި ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮތްއިރު ގަވައިދުން މާލީ ރިޕޯޓް އާއްމުކުރަން މަޖުބޫރުވާ ގޮތަށް ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވަނީ ފަސް ކުންފުންޏެކެވެ. އައިއެފްއެމް އިން ވަނީ މި ކުންފުނިތަކުގެ މާލީ ރިޕޯޓު ދިރާސާކޮށްފަ އެވެ.
މި އިވޭލުއޭޝަނަށްފަހު، އައިއެމްއެފުން ބުނެފައިވާ ގޮތުގައި މި ކުންފުނިތަކުގެ ޖުމްލަ އެސެޓުގެ އަގަކީ 113 ބިލިއަން ރުފިޔާ އެވެ. އަދި މީގެތެރެއިން ދަރަނީގެ ނިސްބަތަކީ 67 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 84 ޕަސެންޓެވެ.
އައިއެމްއެފް އިން ބުނެފައިވާ ގޮތުން އެސްއޯއީ ތަކުގެ ދަރަނީގެ ތެރެއިން 21 ޕަސެންޓު ދަރަންޏަށް ދައުލަތުން ވަނީ ގެރެންޓީ ދީފަ އެވެ. އަދި 12 ޕަސެންޓު ދަރަންޏަކީ ސަރުކާރުގެ ލޯނު ނުވަތަ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނަގާފައިވާ ލޯނުތަކެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރު ކުންފުނިތަކުގެ ދަރަނި މަތިވަމުން ދިއުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ނުރައްކާ އޮތް ކަމަށް ބުނެފައިވެ އެވެ. އަދި މި ރިޕޯޓުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ "ލިކުއިޑް އެސެޓްސް" އެއްވެސް ހަދާފައިވެ އެވެ.
މި ދިރާސާގެ މަގުސަދަކީ ފަސޭހައިން ވިިއްކާލެވޭ ގޮތަށް ހުރި ރިވިއުއެއް ހެދުމެވެ. މި ރިވިއުއަށްފަހު އައިއެމްއެފުން ބުނެފައިވާ ގޮތުގައި ގިނަ ކުންފުނިތަކުގެ ލިކުއިޑިޓީ ރިސްކް ބޮޑެވެ.
ސަރުކާރުން ދަނީ ސަރުކާރު ހިިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓްޓައިޒް ކުރަން ވިސްނަމުންނެވެ. މިގޮތަށް ޕްރައިވެޓައިޒް ކުރާ ކުންފުނިތަކުން މި އަހަރުގެ ބަޖެޓަށް 460 މިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައިވެ އެވެ.