ޕީސީބީ

ސަރުކާރުގެ އަށް ކުންފުންޏެއް އުވާލައިފި

Aug 25, 2021
1

އުވާލަން ކުރިން އިއުލާނުކުރި ސަރުކާރުގެ 17 ކުންފުނީގެ ތެރެއިން އަށް ކުންފުންޏެއް އުވާލައި، އިތުރު ކުންފުނިތަކެއް އުވާލުމުގެ މަރުހަލާ ފުރިހަމަ ކުރަން ފަށައިފި އެވެ.

ސަރުކާރުން ކުރިން ވަނީ 17 ކުންފުންޏެއް އުވާލަން އިއުލާނުކޮށްފަ އެވެ. މިގޮތުން މިހާތަނަށް އަށް ކުންފުންޏެއް އުވާލާފައިވާއިރު ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އުވާލަން ޖެހޭ އިތުރު ނުވަ ކުންފުންޏެއް އުވާލުމުގެ މަރުހަލާގެ މަސައްކަތް ފަށާފަ އެވެ. އަދި އެ ކުންފުނިތަކުގެ ނަންތައް ވެސް އާއްމުކޮށްފަ އެވެ.

އުވާލަން އިއުލާނު ކުރި ކުންފުނިތައް

  • މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
  • ފެލިވަރު ފިޝަރީޒް މޯލްޑިވްސް
  • ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް
  • މަޑިވަރު ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ގަން އެއާޕޯޓް ކޮމްޕެނީ
  • ވޯކްސް ކޯޕަރޭޝަން
  • މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)
  • ހަޒާނާ މޯލްޑިވްސް
  • ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ

އުވާލާ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތު މީޑިޔާ ސަރުކާރުން ހިންގަން އުފެއްދި ކުންފުންޏެކެވެ. އަދި ފެލިވަރާއި ކޫއްޑޫ ފިޝަރީޒަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ ފަޅިކޮށްލުމަށް ފަހު ރައީސް ނަޝީދު އުފެއްދެވި ކުންފުނިތަކެވެ. މި ކުންފުނިތައް އުފެއްދުމުގެ ސަބަބުން މިފްކޯގެ ދަރަނި ބޮޑެތި ކުންފުނީގެ ވަސީލަތްތައް ބައިވެ ގެއްލުންވި އެވެ.

މީގެ އަދި މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެވެ. އަދި ފަހުން އެ ވެރިކަމުގައި އެ ކުންފުނި އުވާލަން ނިންމި އެވެ. ނަމަވެސް އެ ކުންފުނިން ބައެއް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ. އަދި ހަޒާނާ މޯލްޑިވްސް އާއި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ ވެސް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގަ އެވެ.

ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އެބައޮތެވެ. ނަމަވެސް މީގެ ގިނަ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ދެތުވެ ހިންގާ ކުންފުނި ތަކެއް ނޫނެވެ. އަމިއްލަ ފައިމައްޗަށް ދެތުވެ ހިންގުމުގެ ބަދަލުގައި މި ކުންފުނިތަކަށް ސަރުކާރުން ފައިސާ ޕަންޕް ކުރަން ޖެހެ އެވެ. އަދި އައިއެފްއެފުން ދާދިފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސަރުކާރު ފަސް ކުންފުންޏެއްގައި ހުރި ދަރަނި އެކަނި 67 ބިލިއަން ރުފިޔާއަށް އަރަ އެވެ.