އައިއެމްއެފް

ރާއްޖޭގައި ނަގާ ޖީއެސްޓީ އެހެން ގައުމުތަކަށްވުރެ ކުޑަ: އައިއެމްއެފް

Jul 17, 2022
8

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެހެން ގައުމުތަކަށްވުރެ ކުޑަކަމަށް އިންޓަނޭޝަނަލް މަނިޓީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ ރާއްޖޭގެ ޖީއެސްޓީ އެހެން ގައުމުތަކުގައި ނަގާ ޖީއެސްޓީ އަށް ވުރެ ކުޑަކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން ރާއްޖޭގެ ޖީއެސްޓީ ބޮޑު ކުރާނަމަ އަށް ޕަސެންޓާއި 10 ޕަސެންޓަށް ބޮޑު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޖަމާއަތުން ވަނީ ޖީއެސްޓީ ބޮޑު ކުރާނަމަ ބަހާލައިގެން ބޮޑު ކުރުމަށް ލަފާދީފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޖީއެސްޓީ ހަ ޕަސެންޓުން އަށް ފަސެންޓަށް ބޮޑު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) 12 ޕަސެންޓުން 14 ޕަސެންޓަށް ބޮޑުކުރަން ލަދާދީފައިވެ އެވެ. މީގެ އިތުރުން މެދުރާސްތާގައި ޖީއެސްޓީ، އަށް ޕަސެންޓުން 10 ޕަސެންޓަށް، ޓީޖީއެސްޓީ 14 ޕަސެންޓުން 15 ޕަސެންޓަށް ބޮޑު ކުރެވިދާނެ ކަމަށްވެސް ބުނެފައިވެ އެެވެ.

ނަމަވެސް މި ލަފާގައި އައިއެމްއެފުން ވަނީ ރާއްޖޭގެ ޖީއެސްޓީ ބޮޑުކުރަން ރަނގަޅީ 2024 ވަނަ އަހަރު ކަމަށް ބުނެފަ އެވެ. އަދި އެ އަހަރުވެސް ޖީއެސްޓީ ބޮޑު ކުރާނަމަ ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް ބުނެފައިވެ އެވެ. އަދި ޖީއެސްޓީ ބޮޑު ކުރާނަމަ ބޮޑު ކުރަން ވާނީ ބަހާލައިގެން ކަމަށްވެސް އައިއެމްއެފުން ބުނެފައިވެ އެވެ.

ސަރުކާރުން ދަނީ އަންނަ އަހަރު އާމްދަނީ އިތުރު ކުރަން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން މަސައްކަތް ކުރަމުންނެވެ. ދައުލަތުން ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަނީ 12 ޕަސެންޓެވެ. އަދި ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. ނަމަވެސް ސަރުކާރުން ބޭނުންވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ.