ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް 87.8 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ކުންފުނިތަކުން 81.3 މިލިއަން ޑިވިޑެންޑުގެ ގޮތުގައި މި މުއްދަތާ ހަމައަށް އައިއިރު ދެއްކިނަމަވެސް މި އަހަރު ޑިވިޑެންޑު ދެއްކި އަދަދު އިތުރުވެ ވަނީ 87.8 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.
ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮންނައިރު ޑިވިޑެންޑް ޑިކްލެއާ ކުރަނީ ނިސްބަތުން މަދު ކުންފުނިތަކެވެ. މިއަހަރު ޑިވިޑެންޑް ދެއްކި ކުންފުނިތަކުގެ އަދަދު އާއްމު ނުކުރިނަމަވެސް ސަރުކާރަށް އެންމެ މަތިން ޑިވިޑެންޑް އާއްމުކޮށް ދައްކަނީ 10 ކުންފުންޏަކުންނެވެ. މިދިޔަ އަހަރު އެންމެ ބޮޑު ޑިވިޑެންޑެއް ދެއްކީ ދިރާގެވެ. އެ ކުންފުނިން މިދިޔަ އަހަރު 226 މިލިއަން ރުފިޔާ ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި ދައްކާފައިވެ އެވެ.
މިދިޔަ އަހަރު އެންމެ ބޮޑު ޑިވިޑެންޑެއް ދެއްކި ކުންފުނިތައް
- ދިރާގު 229 މިލިއަން
- ބީއެމްއެލް 128 މިލިއަން
- އެމްއޭސީއެލް 57 މިލިއަން
- އެސްޓީއޯ 57 މިލިއަން
- އެމްޑަބްލިއުއެސްސީ 30 މިލިއަން
- އެޗްޑީއެފްސީ 21 މިލިއަން
- ސްޓެލްކޯ 21 މިލިއަން
- އެމްޓީސީސީ 15 މިލިއަން
ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން ސަރުކާރަށް ޑިވިޑެންޑް ދައްކަމުން ދަނީ އެވްރެޖްކޮށް 10 ކުންފުންޏަކުންނެވެ. މީގެ ތެރެއިން ވެސް ޑިވިޑެންޑްގެ 50 ޕަސެންޓަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ތިން ކުންފުންޏެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިދިޔަ އަހަރު 582.2 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މި އަހަރު އެއް ބިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.