މަޝްހޫރު އެކްޓަރު އާމިރު ޚާނާއި އަންހެނުން ކިރަން ރާއޯ ވަރިވާން ގަސްތުކޮށްފައިވާކަން އިއުލާންކޮށް ނޫސްބަޔާނެއް ނެރުނު ފަހުން އެތައް ދުވަހެއް ފާއިތުވެއްޖެ އެވެ. އޭގެ ފަހުން އާމިރާއި އޭނާއާއި އެކު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވާ ފާތިމާ ސަނާ ޝޭޚް ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް އެންމެ ފަހުން ވައިރަލް ވެގެން އުޅޭ ފޮޓޯތަކުގައި ފެންނަނީ އާމިރު އަނެއްކާވެސް ކިރަންގެ އަތުގައި ހިފައިގެން އުޅޭ މަންޒަރެވެ. އަދި މި ފޮޓޯތައް ބަލާފައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއަކަށް މިކަން ވަނީ ވެފަ އެވެ.
އާމިރު އާއި ކިރަން އަކީ އެއް މަސައްކަތެއް ކުރާ ބަޔަކަށް ވާތީ ޕްރޮފެޝަނަލްކޮށް އޮތް ދެ މީހުންގެ ގުޅުން ނުކެނޑޭކަން މި ފޮޓޯތަކުން ދޭހަވެ އެވެ. އަދި ދެ މީހުން ވަކިވާން ނިންމައި ނެރުނު ބަޔާނުގައި ވެސް އެމީހުން ބުނެފައިވަނީ ކައިވެނީގެ ގޮށް މޮހުނަސް އެ ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު އާޒާދުއަށް ޓަކައި އެކުވެރިންގެ ގޮތުގައި ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.
އާމިރު އާއި ކިރަން އެކުގައި ފެންނަ ފޮޓޯތަކަކީ މިހާރު ޖަމްމޫ އެންޑް ކަޝްމީރުގައި ކުރިއަށްދާ "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ ތަކެކެވެ.
އާމިރާއި ކިރަން ކައިވެނިކުރީ ޑިސެމްބަރު 28، 2005 ގައެވެ. އާމިރުގެ އޮސްކާއަށް ނޮމިނޭޓްވީ ފިލްމު "ލަގާން"ގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރްކަރްގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭރު ކިރަން މަސައްކަތް ކޮށްފައިވެ އެވެ. ސަރަގޭޓް މަންމައެއްގެ ފަރާތުން އާމިރާއި ކިރަން އަށް ޑިސެމްބަރު 5، 2011 ގައި ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.
މި ދެ މީހުންގެ 15 އަހަރުވީ ކައިވެނީގައި ނިމުމުގެ ސިއްކަ ޖަހަން ގަސްތުކުރާކަން އިއުލާންކުރީ ފާއިތުވީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.
އާމިރު ފުރަތަމަ ކައިވެނިކުރީ ރީނާ ދައްތާ އާއެވެ. ޓީންއޭޖް އުމުރުގައި ކުރި މި ކައިވެނި ވެސް ދެމި އޮތީ 16 ވަރަކަށް އަހަރު އެވެ. ރީނާ އާއި އާމިރަށް ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ލިބިފައި ވެއެވެ.