ދުނިޔެ

ރެފިއުޖީންނަށް ތާއީދުކޮށް ޓްވީޓްކުރި ސީއެންއެން ނޫސްވެރިޔާ ސަސްޕެންޑްކޮށްފި

Nov 21, 2015
3

އެމެރިކާއިން ސީރިޔާގެ ރެފިއުޖީންނަށް ހިމާޔަތް ދިނުން މަޑު ޖައްސާލުމަށް ނިންމައި ބިލެއް ފާސް ކުރުމުން އެކަމާ ދެކޮޅަށް ޓްވީޓް ކުރި ސީއެންއެންގެ ނޫސްވެރިޔާ އެލައިސް ލެބޮޓް ދެ ހަފްތާއަށް ސަސްޕެންޑު ކޮށްފިއެވެ.

ލެބޮޓް ގެ ޓްވީޓްގައި ބުނެފައި ވަނީ މި ބިލް ފާސްކުރުމުން "ސްޓެޗޫ އޮފް ލިބަޓީ ދެރަވެ އިސްޖަހައިފި" ކަމަށެވެ. މި ޓްވީޓް ކުރުމުގެ އަށް ގަޑި އިރު ފަހުން އޭނާ ވަނީ ކުރީގެ ޓްވީޓަށް މާފަށް އެދި އެހެން ޓްވީޓެއް ކޮށްފައެވެ. ފަހުން ކުރި ޓްވީޓްގައި ބުނެފައި ވަނީ އޭނާއަށް ބުނެވުނު ވާހަކައާމެދު ހިތާމަ ކުރާ ކަމަށާއި މާފަށް އެދޭ ކަމަށެވެ.

ލެބޮޓަކީ ސީއެންއެންގެ ބޭރު ހަބަރުތައް ކަވަރު ކުރާ ނޫސްވެރިއެކެވެ.

ލެބޮޓް ރެފިއުޖީންނަށް ތާއީދުކޮށް ކުރި ޓްވީޓް ދެހާހަށްވުރެ ގިނަ ފަހަރު ރީ ޓްވީޓް ކޮށްފައި ވެއެވެ. އަދި ތިން ހާހަށްވުރެ ގިނަ މީހުން އެ ޓްވީޓް ފޭވަރިޓް ކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ އޭނާއަށް ތާއީދުކޮށް ކޮމެންޓް ކޮށްފައެވެ. ލެބޮޓަށް ތާއީދުކޮށް އެމެރިކާގެ އެހެން ބައެއް ނޫސްވެރިން ވެސް ދަނީ އެމީހުންގެ ޝުއޫރު ފާޅު ކުރަމުންނެވެ.

ލެބޮޓްގެ ސަސްޕެންޝަނާ މެދު ސީއެންއެން އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސީއެންއެން އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޓައިމް ވާނާގެ ދަށުން ހިނގާ ހަބަރު ނެޓްވޯކެކެވެ. ޓައިމް ވާނާގެ މިލްކުވެރި ކަމުގެ ދަށުގައިވާ ކުންފުނި ތަކުގެ ތެރޭގައި އެޗްބީއޯ އާއި ކާޓޫން ނެޓްވޯކްގެ އިތުރުން މީޑިޔާގެ ދާއިރާއަށް ނިސްބަތްވާ ވަރަށް ގިނަ ކުންފުނިތައް ހިމެނެއެވެ. – ދި އިންޑިޕެންޑެންޓް