މިސްރު

މިސްރުގެ ތިން ނޫސްވެރިއެއްގެ މައްޗަށް މަރުގެ ހުކުމް

މިސްރުގައި ތިން ނޫސްވެރިންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ. މި ތިން ނޫސްވެރިންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ގަތަރަށް ދައުލަތުގެ ސިއްރުތައް ލީކް ކުރިކަމަށް ދައުވާ ކުރުމަށްފަހު އެވެ.

މަރުގެ ހުކުމް އިއްވި ނޫސްވެރިންގެ ތެރޭގައި އަލް ޖަޒީރާގެ އަރަބި ޗެނަލުގެ ކުރީގެ ޑިރެކްޓަރު އިބްރާހިމް މުހަންމަދް ހެލާލް ހިމެނެއެވެ. ހެލާލް އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާއާއި ދެކޮޅަށް ހުށައެޅި މައްސަލައިގެ ކުށް ސާބިތު ކުރެވޭނެ ވަރުގެ ހެތްކެއް ނެތް ކަމަށެވެ.

ހެލާލްގެ މައްޗަށް ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އެ ހުކުމް އިއްވުމާއެކު ހެލާލްވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ، މިސްރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ހުކުމް އިއްވުމާއި ގުޅިގެން ހެލާލް ދިން ރައްދުގައި، މިސްރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަންނަން ކެމްޕެއިނެއް ހިންގާ ކަމަށް ބުނެ، ނޫސްވެރިންގެ މައްޗަށް ކުރި މަރުގެ ހުކުމަކީ ނޫސްވެރިންގެ އަނގައިގާ ތަޅުއަޅުވަން ކުރާ މަސައްކަތެއް ކަމަށް ބުންޏެވެ.

ހޮނިހިރު ދުވަހު އަލް ޖަޒީރާ ނެޓްވޯކުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ މަރުގެ ހުކުމް ކުރުމުން އެކަން ކުށްވެރި ކުރާ ކަމަށާއި މިއީ މިނިވަން ނޫސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އަރަބި ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކުން ހަނު ތިބުމަކީ މިނިވަން ނޫސްވެރިކަމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

އަލް ޖަޒީރާއިން ވަނީ މިސްރުގެ ސަރުކާރު، އަލް ޖަޒީރާއިން ކުރީގެ ރައީސް މޯރްސީއާއި އެއްކޮޅަށް މަސައްކަތް ކުރާކަމަށް ކޮށްފައިވާ ތުހުމަތުތަކާއި ދެކޮޅު ހަދާފައެވެ.