އެލިސް އިން ވޮންޑަލޭންޑް ސިންޑްރޯމްގެ ވާހަކަ ދުވަހަކުވެސް އަޑު އެހިން ހެއްޔެވެ؟ އިންޑިޔާގެ ޕޫނޭގެ މީހަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވިދާޅުވިކަމަށް ވަނީ އެމީހާގެ ބައްޔަކީ 'އެލިސް އިން ވޮންޑަލޭންޑް ސިންޑްރޯމް' ކަމަށެވެ.
އުމުރުން 63 އަހަރުގެ މި މީހާއަށް ވާ ގޮތަކީ ފާޑުފާޑުގެ ވަހުމް ހިތަށް ވަދެ އެމީހާއަށް ދިމާ ނުވާ ކަންކަން ވެސް ދިމާވިހެން ހީވަނީ އެވެ. މީގެ ހަ މަހެއްހާ ދުވަސް ކުރިން އެންމެ ފުރަތަމަ މިގޮތަށް އޭނާއަށް ހީވީ އެތައް ސަތޭކަ ބަޔަކު އައިސް އޭނާއަށް ހަމަލަދޭން އުޅެނީ ހެންނެވެ. މިކަމުގައި އެންމެ އަޖައިބު އަނެއް ކަމަކީ އޭނާއަށް ހަމަލަ ދޭން އައިކަމަށް އޭނާގެ ޚިޔާލަށް ފެންނަ މީހުންގެ ސައިޒަކީ އޭނާގެ އަތުގެ އިނގިލިތަކުގެ ސައިޒުކަމަށް އޭނާއަށް ހީވުމެވެ.
މި މީހާއަށް އިހްސާސްކުރެވޭ މި ވަހުމުގެ ކަންތައްތަކާ އޭނާގެ އާއިލާގެ މީހުން އެންމެ ފުރަތަމަ މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް މާ ގިނަގިނައިން މިކަން ދިމާވާން ފެށުމުން ޑޮކްޓަރެއްގެ ކައިރިއަށް އެމީހާ ގެންދަން އާއިލާއިން ނިންމީ އެވެ.
އެމީހާ ބެލި ޑޮކްޓަރުން ބުނަނީ އެމީހާގެ ބައްޔަކީ ލިލިޕުޓިއަން ހެލުސިނޭޝަން ކަމަށެވެ. މި ބަލި ޖެހުމުން އެހެން އިންސާނުން ނުވަތަ ތަކެތި އެމީހާއަށް ފެންނާނީ އަސްލު ހުންނަ ވަރަށް ވުރެ މާކުޑަ ކޮށެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ނިއުރޮލޮޖިކަލް މައްސަލަ އެކެވެ. މި މައްސަލަ ދިމާވުމުން އެމީހާގެ ކުރިމަތިން ފެންނަ ހުރިހާ އެއްޗިއްސަކީ ވެސް އަސްލު އެއްޗެހި ކަމަށް އޭނާއަށް ހީވެ އެވެ. މި ބައްޔަށް އެލިސް އިން ވޮންޑަލޭންޑް ސިންޑްރޯމް ވެސް ކިޔަ އެވެ. މި ބަލި ޖެހިފައިވާ ބައެއް މީހުންނަށް އެމީހުންގެ ހަށިގަނޑު ވެސް އެހެން މީހުންނަށް ވުރެ މާ ބޮޑޭ ނުވަތަ މާ ކުޑައޭ ހީވެ އެވެ.
މި މީހާއަށް ހެލުސިނޭޝަންގެ މައްސަލަތައް މިހާރު މާ އަވަސް އަވަހަށް ދިމާވާން ވަނީ ފަށާފަ އެވެ. އެގޮތުން ދުވާލަކު ދެ ފަހަރު ވެސް މި މައްސަލަ އޭނާއަށް މިހާރު އެބަ ކުރިމަތިވެ އެވެ. މީގެން ކޮންމެ ފަހަރަކުވެސް އެކަން ދެމިގެން ދަނީ ފަސް ވަރަކަށް މިނިޓަށެވެ.
ހިންދުސްތާން ޓައިމްސް އާ ވާހަކަ ދައްކަމުން އެމީހާ ބުނި ގޮތުގައި 200 ވަރަކަށް މީހުން އައިސް އޭނާއަށް ހަމަލަދެ އެވެ. އެމީހުން ސައިޒުން ވަރަށް ކުޑަ ކަމަށް ވެސް އެމީހާ ބުންޏެވެ.
"އަހަރެންގެ އާއިލާގެ މީހުން ބުނަނީ އެމީހުން އައިސް އަހަންނާ ހަމަލަ ދޭން އުޅެން ފެށުމުން އަހަރެން ވަރަށް ބާރަށް ހަޅޭއްލަވާ ކަމަށް. އަހަންނަކީ ރިޓަޔަ ވެފައިވާ މީހެއް. އެހެންވެ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ ގޭގައި. ދުވާލަކު ދެ ފަހަރު ވެސް މިހާރު އަހަރެންނަށް މި މައްސަލަ އެބަ ދިމާވޭ. ހަމަ ކުއްލިއަކަށް ހުރެފައި ހީވަނީ އިސްކޮޅުން ވަރަށް ކުޑަކުޑަކޮށް ތިބޭ ބަޔަކު އައިސް ހަމަލަ ދެނީހެން. ޑޮކްޓަރީ ފަރުވާ ހޯދަން ފެށިފަހުން މަޑުމަޑުން އެބަ ރަނގަޅުވޭ މިހާރު. ރޭގަނޑު ރަނގަޅަށް ނިދަން ވެސް މިހާރު އުނދަގުލެއް ނޫން،" އެމީހާ ބުނެފައިވެ އެވެ.
އެމީހާއަށް ފަރުވާދިން އެއް ޑޮކްޓަރަކީ ޕޫނޭގެ ނޯބްލް ހޮސްޕިޓަލުގެ ނިއުރޯސައިކޭޓްރިސްޓް ޑރ. ދަރްމެންދުރަ ކެންޑްރޭ އެވެ.
އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޑރ. ކެންޑްރޭ ވިދާޅުވި ގޮތުގައި މި މީހާއަށް ޖެހިފައިވާ ބައްޔަކީ މިލިއަނަކުން އެކަކަށް ކަހަލަ ގޮތަކަށް ޖެހޭ ބައްޔެކެވެ. ލިލިޕުޓިއަން ހެލުސިނޭޝަން އަކީ އެމީހާއަށް ހިވާ ގޯސް ހީއެކެވެ. މިއީ ކޮކެއިން އާއި ކެނަބިސް ކަހަލަ އެއްޗެތި ބޭނުންކުރުމުން ވެސް ޖެހިދާނެ ބައްޔެއް ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ބައެއް ވައްތަރުގެ ބްރެއިން ޓިއުމާ އާއި ޑައިމެންޝިއާ އަދި ޝިޒޮފްރޭނިއާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ވެސް މި މައްސަލަ މަދުން ނަމަވެސް ދިމާވާކަން އޭނާ ފާހަގަކުރެއްވި އެވެ.